ކުޅިވަރު

27 އަހަރުގައި ވިކްޓަރ މޮސެސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


ނައިޖީރިޔާގެ ފޯވާޑް ވިކްޓަރ މޮސެސް ޒުވާން އުމުރުގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

މިދިޔަ މަހު ރަޝިޔާގައި ނިމުނު ވަރލްޑްކަޕްގައިވެސް ކުޅުނު ކުޅުންތެރިޔާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރިއިރު އުމުރަކީ އެންމެ 27 އަހަރެވެ. ޗެލްސީގެ ވިންގަރ ޤައުމީ ޓީމަށް ކުޅެފައިވަނީ 37 މެޗެވެ. 2012 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ކުޅުންތެރިޔާ ވަނީ ޤައުމީ ޓީމަށް 12 ގޯލް ޖަހައިދީފައެވެ. ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން އޭނާ ބުނީ ޤައުމީ ޖަރޒީގައި އުފާވެރި ހަނދާންތަކެއް އެބަހުރި ކަމަށާއި، އެކަން އުމުރުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ހަނދާން ހުންނާނެކަމަށެވެ. ކްލަބަށާއި، އާއިލާއަށް ވަގުތު ދިނުމަށް މިއީ ޤައުމީ ޓީމާ ދުރަށްދާން އެންމެ ރަނގަޅު ވަގުތުކަމަށް ދެކޭކަމަށްވެސް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.

ނައިޖީރިޔާއާއެކު 2013 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި ކުޅުންތެރިޔާ ވަނީ ނައިޖީރިޔާގެ ޖަރޒީގައި ދެ ވަރލްޑްކަޕް ކުޅެފައެވެ. އެއީ 2014 ވަނަ އަހަރާއި މިއަހަރުގެ ވަރލްޑްކަޕެވެ. އެންމެ ފަހުގެ ވަރލްޑްކަޕްގައި މޮސެސް ވަނީ އާޖެންޓީނާ ކޮޅަށް ގޯލް ޖަހާފައެވެ. އެންމެ ފަހުގެ ވަރލްޑްކަޕުން ނައިޖީރިޔާ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އައިސްލެންޑް އަތުން މޮޅުވި ނަމަވެސް ނައިޖީރިޔާ ކެޓީ ކޮރޭޝިޔާއާއި، އާޖެންޓީނާ އަތުން ބަލިވެގެންނެވެ.