ޚަބަރު

ބޯ ވާރޭގައިވެސް ރައީސްގެ އަނބިކަނބަލުންނަށް ހިތާދޫއިން ހޫނު މަރުޙަބާއެއް


މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ. ހިތާދޫއަށް ވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިތާދޫއަށް ވަޑައިގެންނެވިއިރު، އެކަމަނާއަށް މަރުޚަބާ ދެންނެވުމަށް އެންމެ ކުރީގައި ތިއްބެވީ އެރަށުގެ އެމްޑީޕީގެ ކައުންސިލަރުންނެވެ.

ހިތާދޫއަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކުރެއްވީ އެރަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއެވެ. އެއަށްފަހު އެކަމަނާ ވަނީ ރަށުގެ ޒުވާނުންނާއި، ކަނބަލުންނާއި، އިސްރަށްވެހިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ.

މިބައްދަލުވުމުގައި ހިތާދޫ ރައްޔިތުން ވަނީ އެރަށުގެ ފެން ތަޣައްޔަރުވެފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުންގެ ޝުޢޫރުތަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ އެދާއިރާގެ މަޖިލިސްް މެންބަރު އަޙްމަދު ސަލީމުގެ ވިސްނުންފުޅާއެކު ހިތާދޫގައި ނަރުދަމާ އެޅުމަށްޓަކާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އެމަސައްކަތް ކުރުމަށް މިހާރު ކުންފުންޏަކާ ވާހަކަ ދައްކަމުންދާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމިން ސަރުކާރާ ހަވާލުވިއިރު މިދާއިރާގެ މެންބަރު ހިތާދޫގައި ނަރުދަމާ އެޅުމަށްޓަކާ ބަޖެޓްކޮށް އެމަސައްކަތް ކުރުމަށް ކައުންސިލާ ވާހަކަދެއްކި. އޭރު އެކަން ނުވީ ކައުންސިލުން އެކަމަށް އެއްބާރުލުން ނުދިނުމުން. އޭރުގެ ކައުންސިލުން ބޭނުންވީ ނަރުދަމާއާއި ފެނާ އެއްކޮށް އަޅަން. މި ދެކަމަކީ އެއްވެސް ހާލެއްގައި އެއްފަހަރާ ކުރެވޭނެ ދެކަމެއް ނޫން. އިރާދަކުރެއްވިއްޔާ އީދު ބަންދު ނިމުމުން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް މިކަމާބެހޭ ހުރިހާ ލިޔެކިޔުމެއް އަރުވާނަން" ޝުޖާއު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި މިއަދު އިތުރު ދެރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.