ކުޅިވަރު

ނަތީޖާ ނުނެރެވޭނަމަ އޭޝިއަން ގޭމްސްގެ ފައިދާއެއްނެތް: އެފްއޭއެމް


އޭޝިއަން ގޭމްސްގައި ރާއްޖެ ބައިވެރިނުކުރީ ނަތީޖާ ނެރެވޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތުމުން ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ދިވެހި ފުޓްބޯޅަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އޭޝިއަން ގޭމްސްގައި ބައިވެރިވާން ރާއްޖެއޮތީ ތައްޔާރަށް ނޫން ކަމަށެވެ.

"އޭޝިއަން ގޭމްސްގެ ކުރިން އަޅުގަނޑުމެން އުމުރުފުރާތަކުގެ ޓީމުތައް އޭޝިއާގެ މުބާރާތްތަކުގައި ބައިވެރިކުރިން. އެ ޓީމުތައް ކޮޅަށް ގާތްގަނޑަށް 26 ގޯލުވަރު ވަދެފައިވޭ. މިހެންވެ 23 އަހަރުން ދަށުގެ ޓީމަށް އޭޝިއަން ގޭމްސްގައި ބައިވެރިވެގެން ނަތީޖާ ނެރެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތް. ހަމައެކަނި ތަޖުރިބާ ހޯދުމުގެ ނިޔަތުގައި މުބާރާތަށް ދިއުމުގެ ބޭނުމެއްނެތް. މިއާ ހިލާފަށް ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން އެފްއޭއެމުން މިދަނީ ކުރިމަގުގައި ނަތީޖާ ނެރެވޭވަރުގެ ޓީމުތަކެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުން،" ބައްސާމް ވިދާޅުވިއެވެ.

އޭނާ ބުނީ އޭޝިއަން ގޭމްސްގައި ބައިވެރިނުވެގެން އެފްއޭއެމަށް އެކި ފަރާތްތަކުން ފާޑުކިޔަމުންދިޔަ ނަމަވެސް އެއީ އީޖާބީ ފާޑުކިއުމެއްނޫން ކަމަށެވެ.

"އޭޝިއަން ގޭމްސްގައި ކުޅެން މިޖެހެނީ 23 އަހަރުން ދަށުގެ ޓީމު. ރާއްޖޭގެ ޤައުމީ ޓީމުގެ އުމުރަކީ 24 އަހަރާއި ހަތް މަސް. މިހެންވެ އެންމެނަށް ވެސް ފެނުނީ މިވަގުތު އޭޝިއަން ގޭމްސްއަށް ފޯކަސްނުކޮށް، ސާފް ޗެންޕިއަންޝިޕަށް ފޯކަސް ކުރުން ރަނގަޅު ކަމަށް،" ބައްސާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ 2008ގެ ސާފް ޗެމްޕިއަންޝިޕް ލިބުނު ފަހުން ދިވެހި ފުޓްބޯޅަ އަހަރަކަށްވުރެ އަހަރެއް ފަހަތަށް ދިޔައީ ކުރިމަގަށްޓަކައި ކަންތައްތަކެއް ނުކުރެވި ހުރުމުން ކަމަށެވެ. މިހެންވެ އެފްއޭއެމުން ދުރުރާސްތާ އަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކަށް އެއްބާރުލުންދީ އެކުވެރިކަމާއެކު ކުރިއަށް ދިއުން ފުޓްބޯޅަ އާއިލާ އަށް މޮޅު އިތުރު ކަމަށެވެ.