ޚަބަރު

ޤައުމުގެ ހަރުމުދާ ވިއްކުމުގެ ސިޔާސަތު އިދިކޮޅުން އަދިވެސް ދޫކޮށްނުލާ - ޢަބްދުއްރަޙީމް


އެމްޑީޕީ ސަރުކާރުގައި ގެންގުޅުނު ދައުލަތުގެ މުދާ ވިއްކުމުގެ ސިޔާސަތު އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައިވެސް ކުރިއަށްދާނެކަން މިހާރުވެސް ހާމަވެފައިވާކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ މެނިފެސްޓޯ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެމް.ޑީ.ޕީ ސަރުކާރުގައި ގެންގުޅުނު މުދާ ވިއްކުމުގެ ސިޔާސަތު އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައިވެސް ކުރިއަށްދާނެކަން މިހާރުވެސް ހާމަވެފައިވާކަމަށެވެ. އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ވަނީ އެބޭފުޅުންގެ ވެރިކަމެއްގައި ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ވިޔަފާރީގެ ބައެއް ޕްރައިވެޓައިޒްކޮށް، ވިޔަފާރީގައި ދައުލަތުގެ ދައުރު ހަނިކުރާނެކަމަށް ވިދާޅުފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން އިދިކޮޅުފަރާތްތަކަށް ކުރިމަތިކޮށްފައިވާ އެއްވެސް ސުވާލަކަށް އިދިކޮޅު ފަރާތްތަކަށް ޖަވާބު ދެވިފައި ނުވަނީ އެފަރާތްތަކުން ގެންގުޅޭ މިފަދަ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ވޭތުވެދިޔަ 4 އަހަރާ ބައިގެ ތެރޭގައި ރައީސް ޔާމީންގެ 2013 ގެ މެނިފެސްޓޯގެ 95 އިންސައްތައަށްވުރެ ބޮޑުބައި ޙާސިލުކުރެވިފައިވާކަމަށެވެ. ރައީސް ޔާމީންގެ ވަޢުދުފުޅުތަކަކީ ބިނާކުރަނިވި އަދި ޢަމަލީ ގޮތުން ހާޞިލުކުރެވޭނެ ވަޢުދުފުޅުތަކެއްކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓްގެ ވަޢުދުތަކަކީ ދެކޮޅުނުޖެހޭ ރަށްރަށުގެ ޙާލަތު ރަނގަޅަށް ދެނެގަނެގެން ވެފައިވާ ވަޢުދުތަކެއް ނޫންކަމަށެވެ. ޤައުމެއްގެ ވަލީޢުލްއަމްރަކީ ހުރިހާ ރައްޔިތުންގެ ޙާލު ރަނގަޅަށް ދަންނަ ބޭފުޅަކަށް ވާންޖެހޭނެކަމަށާއި، މި ފަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން މި ސިފަ ފުރިހަމަވާ ބޭފުޅަކީ ރައީސް ޔާމީން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އިޤްތިޞާދީ މާސްޓަރ ޕްލޭންއަކާއިއެކުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުފަރާތްތަކަކީ ބިނާކުރި ފާޑުކިޔުންތަކެއް ކިޔަންނޭނގޭ ބައެއްކަމަށެވެ. އެގޮތުން މިހާތަނަށް އެފަރާތްތަކުން ކުރިމަތިކޮށްފައިވާ ކޮންމެ ސުވާލަކަށް ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫތަކުން ޖަވާބުދޭކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.