ޚަބަރު

ރަށްރަށުގައި ހުރި މައްސަލަތައް ޙައްލުކޮށްދެވޭނީ ރައީސް ޔާމީނަށް - މިނިސްޓަރ ސަޢީދު


ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކޮށްދެއްވުމުގައި މިހާތަނަށް އެންމެބޮޑު ކުރިއެރުމެއް ހޯއްދެވި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށާ، މިހާރު ރަށްރަށުގައި ޙައްލުނުވެހުރި މައްސަލަތައް އެމަނިކުފާނުގެ ދެވަނަ ރިޔާސީ ދައުރުގައި ފުރިހަމަކޮށްދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އެކަމަނާގެ އަރިހުގައި އެއަތޮޅު ކެންދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެންމެ ގާތުން ކެމްޕެއިނުގެދަށުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މިދަތުރުފުޅުގައި ކެންދޫ އާއި ތުޅާދޫއަށް ވަޑައިގަތުމުން، އެދެރަށުގެ ރައްޔިތުންވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެކަމަނާގެ އިސްތިޤުބާލުގައި ގިނަ ޢަދަދެއްގެ ޢާއްމުރައްޔިތުން ވަނީ ދެރަށުގެ ބަނދަރު ސަރަޙައްދަށް އެއްވެ މަރުޙަބާއާއި ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކޮށްފައެވެ.

ކެންދޫއަށް ވަޑައިގެން އެކަމަނާ ފުރަތަމަ ބައްދަލުކުރެއްވީ އެރަށުގައި ދިރިއުޅޭ ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި އެފަރާތްތަކުގެ ޢާއިލާތަކާއެވެ. އެއަށްފަހު، އެރަށުގެ އިސްރައްވެހިންނާއި އަންހެނުންނާއި ޒުވާނުންނާ ބައްދަލުކުރައްވައި އެމީހުންނާއެކު އެކަމަނާވަނީ ވަގުތު ހޭދަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ކެންދޫ ރައްޔިތުންވަނީ އެމީހުންނަށް ދަތިވެފައިވާ ބައެއްކަންކަމުގެ މަޢުލޫމާތު އެކަމަނާއާ ޙިއްސާކޮށްފައެވެ. އެގޮތުން އެރަށުގެ ފެން ތަޣައްޔަރުވެފައިވާ މައްސަލައާއި، ނަރުދަމާ ނިޒާމުގެ މައްސައިގެ މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ކިތަންމެ ކުޑަ އާބާދީއެއް އޮތްރަށެއް ނަމަވެސް މިޒަމާނުގައި ކޮންމެ ބަޔަކުވެސް ބޭނުންވާނީ ޒަމާނީ ތަރައްޤީކަމަށާ އެގޮތުން ނަރުދަމާއާއި، ސާފުބޯފެނާއި ބަނދަރުގެ ދަތިކަން ހައްލުވެފައިއޮތުމަށް ހުރިހާރަށެއްގެ ރައްޔިތުންވެސް ބޭނުންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޒުވާނުންގެ އެންމެބޮޑު ބޭނުމަކަށްވާނީ އަބަދުވެސް ވަޒީފާގެ ފުރުސަތު. މިސަރުކާރުން ޒުވާނުންނަށް ފަހިފުރުސަތުތައް މިދަނީ ހޯދައިދެމުން. މިރަށު ޒުވާނުންނަށްވެސް ރިސޯޓުތަކުން ވަޒީފާ ހޯދަދޭން މަސައްކަތް ކުރާނަން. ނަރުދަމާގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ރައީސްގެ ދެވަނަދައުރުގެ ކުރީކޮޅު މުޅި ރާއްޖެގައި ގާއިމުކޮށް ނިމޭނެ."

މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތުޅާދުއަށް ވަޑައިގަތުމުން އެރަށުންވެސްވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ތުޅާދޫއަށް ވަޑައިގަތުމަށްފަހުވެސް އެކަމަނާ އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ އެރަށުގައިތިބި ޚާއްސައެހީއަށް ބޭނުންވާ މީހުންނާއެވެ. އަދި އެއަށްފަހު ޒުވާނުންނާއި އިސްރައްވެހިންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވައި ހާލު ބައްލަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބ.އަތޮޅަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އިއްޔެ އެއަތޮޅުގެ ތިން ރަށަކަށް ވަޑައިގަތެވެ. އަދި މިއަދު އެއަތޮޅު ކަމަދޫއަށްވެސް އެކަމަނާ ވަނީ ވަޑައިގަންނަވާފައެވެ. މީގެ އިތުރުން އެކަމަނާގެ މިދަތުރުފުޅުގައި މާދަމާވެސް ބައެއް ރަށްރަށަށް ވަޑައިގަތުމަށްވަވަނީ ހަމަޖެހިފައެވެ.