ރިޕޯޓް

ޑރ. ޝަހީމްގެ އޯގާތެރިކަން އެމަނިކުފާނުގެ ސިޔާސީ މަސައްކަތައްވުރެ މާ ޚާއްޞަ


ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގެންދަވަނީ ރިޔާސީ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ގއ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރައްވާފައެވެ. އަދި ފުވައްމުލަކަށް ވަޑައިގެން އެރަށު ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރެއްވިއެވެ.

ޑރ. ޝަހީމް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ސިޔާސީ ގޮތުން ތަޢީދު ހޯދެވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ނަމަވެސް މިދަތުރުތަކުގައި ޢާންމުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި ރައްޔިތުންނާ ސިޔާސީ ވާހަކަތައް ދެއްކެވުމަށްވުރެ ބޮޑަށް އެމަނިކުފާނު ދަނީ ރައްޔިތުންގެ ޙާލުއަހުއާލު އޮޅުންފިލުއްވައި، ދިރިއުޅުމުގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުންނެވެ. ޢާންމު ރައްޔިތުންގެ ދިރިއުޅުމުގައި ހުރި ދަތި އުނދަގޫތަކާބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާ އެކަންކަން ހައްލުވާނެކަމުގެ އުއްމީދު އާކޮށްދެއްވަމުންނެވެ.

މިހުރިހާ ކަންތައްކަތާއެކުވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ޑރ. ޝަހީމާއި ކުޑަކުދިންނާ އެކު ހޭދަކުރައްވާ ވަގުތެވެ. އެކުދިންނާ ވާހަކަދައްކަވައި އޯގާތެރިކަން ބަހައްޓަވާ ހައްދަވައެވެ. މަގުމަތިން ކުޑަކުއްޖަކު ފެނުނަސް އެކުއްޖަކާ ސަލާންކޮށް ވާހަކަދައްކަވައި ހައްދަވައެވެ. ތުއްތު ކުދިން އުރާލައި އެކުދިންނާއެކު ހީސަމާސާކުރައްވައި ހައްދަވައެވެ. މިމަންޒަރަކީ އެތަން ފެންނަ ކޮންމެ މީހެއްގެވެސް ހިތަށް ހަމަޖެހުން ގެނުވާނެ މަންޒަރެކެވެ. އަދި ކުޑަކުދިން ޑރ. ޝަހީމްދެކެ ވާ ލޯތްބާއި، ކުރާ އިޙްތިރާމް ބައްދަލުކުރައްވާ ކޮންމެ ކުއްޖެއްގެ ފަރާތުން ފެނިގެންދެއެވެ. ޑރ. ޝަހީމް މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޑަކުޖަކަށް ޤުރުޢާން ފިލާވަޅެއް ނަންގަވާ ދެއްވާ މަންޒަރު ސޯޝަލް މީޑިޔާގައި ޢާއްމުވެގެން ދިޔައެވެ. އެ ފޮޓޯ ޓުވީޓު ކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.

"ލޯބިވާ ދަރިފުޅާއެވެ. ތިޔަ ހިނިތުން ވުމުގެ ސަބަބުން ބޭބެގެ ހިތަށް ފިނިކަން ލިބިއްޖެއެވެ. ތިޔައީ މިޤައުމުގެ މުސްތަޤުބަލެވެ. ޤުރުޢާން ކިޔަވާށެވެ. ދަސްކުރާށެވެ. އެއީ ހިތުގެ ނޫރެވެ." ޝަހީމް ޓުވީޓު ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލަރކަން ކުރައްވަމުން އަންނަ ޑރ. ޝަހީމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު އެއް ދީނީ ޢިލްމުވެރިޔާއެވެ. ސިޔާސީ ދާއިރާއިން ދުރުގައި ހުންނެވިއިރުވެސް ދީން އުނގަންނައިދެއްވުމާއި، ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ދިވެހިން ބަލައިގަތެވެ.

އެމަނިކުފާނުގެ ސިޔާސީ ޙަޔާތް މުޅިން އައު ފެށުމަކުން ފައްޓަވައި، ރިޔާސީ ކެމްޕެއިނަށް ދޮރުންދޮރަށް ކުރައްވަމުންދާ ޒިޔާރަތް ތަކުގައި ގޭގެއަށްގޮސް ދަރިވަރުންނަށް ޤުރުއާން ކިޔަވާދެއްވައި، ދީނީއެކި ކަންކަން އުނގަންނަވައިދެއްވައި ހައްދަވައެވެ. ގޭގައި ކުޑަކުއްޖަކު ޤުރުއާންކިޔަވަން އިންނަ ވަގުތެއްގައި އެގެއަކަށް ދެވިއްޖެނަމަ، އެކުއްޖަކު ކިޔަވާ އަޑު އެއްސެވުމަށް ވަގުތު ހުސްކުރައްވައެވެ.

ގޭގެއަށް ކުރަމުންއަންނަ ޒިޔާރަތްތަކުގައި ކުޑަކުދިންގެ ހިތުގައި އެމަނިކުފާނަށް އޮތް ލޯތްބާއި ޤަދަރު މިވަނީ އިތުރުވެގެންގޮސްފައެވެ. މީގެ އިތުރަށް، ކޮންމެ ޢުމުރެއްގެ ކޮންމެ ފިކުރެއްގެ މީހަކާވެސް ޝަހީމް ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމަކީ ފާހަގަ ކޮއްލެވޭކަމެކެވެ. ޑރ. ޝަހީމްގެ އޯގާތެރިކަމާއި، ދީނީ ކަންކަމަށް ދެއްވާ ސަމާލުކަމާއި، ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާ ބަހައްޓަވާ ގުޅުމަކީ، ސިޔާސީ ނާޅިން ކިރާ ވަރަށްވުރެ މާ ޚާއްޞަ ކަންތައްތަކެވެ. މިކަންކަމަކީ ސިޔާސީ ކޮންމެ ފިކުރެއްގެ ބަޔަކުވެސް ބަލައިގަންނާނެ ކަންތައްތަކެކެވެ.