ޚަބަރު

މީހުން ދައްކާ ވާހަކަތަކުގެ މަޙްފޫމް އޮޅޭ ގޮތައް ނުފަތުރާ : ޑރ. ޝަހީމް


މީހުން ދައްކާ ވާހަކަތައް އޭގެ ހަޤީޤީ މަޙްފޫމުން ބޭރުން ނުވާ ގޮތަށް ގެނެސް ދިނުމަށް، ރައީސް ޔާމިނުގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ގޮވާލައްވައިފިއެވެ.

ފުވައްމުލަކު ފުނާޑު އަަވަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވި ބައެއް ވާހަކަތައް ބައެއް މީޑިއާތަކުން އޭގެ މާނަ އޮޅޭގޮތަށް ފަތުރާފައިވާކަމަށެވެ.

" އަޅުގަނޑު ކުރީ ރޭގައި ޖަލްސާގައި ދެއްކި ވާހަކައެއް، ބައެއް މީޑިއާއިން ގެނެސްފައިވާ އަޅުގަނޑު ބުނި ގޮތާއި ޚިލާފަށް. އަޅުގަނޑު ބުނީ ދިވެހި ރާއްޖޭގައި ވެރިކަމުގައި ރައީސް ޔާމިން ހުންނެވިހާ ހިނދަކު އިސްލާމް ދީނަށް އެމަނިކުފާނު ޚިދުމަތް ކުރައްވާނެ، އަދި އެހެން ދީނަކަށް އެމަނިކުފާނު ޖާގަ ނުދެއްވާނެ ކަމަށް. ނަމަވެސް ބައެއް މީޑިއާ ތަކުގައި ޙަބަރު ގެނެސްފައިވަނީ ޔާމީން ހުންނެވިހާ ދުވަހަކު އިސްލާމް ދީން އޮންނާނެ އޭ. އެހެންވީމަ މީހުން ދައްކާ ވާހަކަތައް ވެސް އޭގެ ހަގީގީ މަޙްފޫމުން ބޭރުވާ ގޮތަށް ގެނެސް ދީގެން ނުވާނެ. " ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވެފައިވައި ވަނީ އިދިކޮޅު ފިކުރުގެ ވާހަކަ އެބޭފުޅާ ދައްކަވަނީ އެއީ ތަޖުރިބާ ކޮށްފައިވާ ފިކުރަކަށް ވާތިއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަންކަން ހުރި ކަން ވެސް ޑރ. ޝަހީމު ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ. ޝަހީމް ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ވަނީ ފުވައްމުލަކުގެ 8 އަވަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ޙާލު ބައްލަވާފައެވެ. މީގެ އިތުރުން ޑރ. ޝަހީމް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރު ނިންމާލުމަށް ފަހު މާދަމާ ތިނަދޫ އަށް ފުރާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.