ކުޅިވަރު

ސެމިއުލް އެޓޫވެސް ޤަޠަރަށް


ބާސެލޯނާއާއި އިންޓަރމިލާންގައި ކާމިޔާބު ހޯދި ކެމަރޫންގެ ކުރީގެ ކެޕްޓަން ސެމިއުލް އެޓޫ ޤަޠަރު ލީގަށް ބަދަލުވެއްޖެއެވެ.

ޤަޠަރުގައި އެޓޫ ކުޅޭނީ ޤަޠަރު ސްޕޯރޓްސް ކްލަބަށެވެ. އެކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި އިއްޔެ އޭނާ ވަނީ ދައްކާލާފައެވެ. އެޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައި އެޓޫ ތަޢާރަފްކޮށްފައި މިވަނީ ތުރުކީގެ ކްލަބް ދޫކޮށްލިތާ އެއް ދުވަސް ފަހުންނެވެ. މިއީ 37 އަހަރުގެ އެޓޫގެ 21 އަހަރުވީ ކެރިއަރުގައި ކުޅޭ 13 ވަނަ ކްލަބެވެ. އެޓޫއަކީ ބާސެލޯނާއާއެކު ޗެމްޕިއަންސްލީގު ދެ ފަހަރު އަދި އިންޓަރމިލާނާއެކު އެއްފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. ކެމަރޫންއާއެކު ވިދިވިދިގެން ދެ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރި ކުޅުންތެރިޔާ ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ތިން ފަހަރު ހޯދާފައެވެ. އެޓޫވަނީ ޗެލްސީއާއި އެވަޓަން އަދި ސަމްޕްދޯރިއާއަށްވެސް ކުޅެފައެވެ. މީގެ އިތުރުން ރަޝިޔާގައިވެސް އޭނާ ކުޅުނެވެ.

އެޓޫގެ އިތުރުން ސްޕެއިންއާއި ބާސާގެ ކުރީގެ ތަރި ޒަވީ އަދި ނެދަލެންޑްގެ ތަރި ސްނެއިޑަރވެސް މިހާރު ކުޅެމުން އަންނަނީ ޤަޠަރު ލީގުގައެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް މިވަގުތު ކޭމްޕް ކޮށްފައި އޮތީވެސް 2022 ވަނަ އަހަރުގެ ވަރލްޑްކަޕް ބާއްވާ ޤައުމު ކަމަށްވާ ޤަޠަރުގައެވެ.