ޚަބަރު

ދިޔަމިގިލީގެ ރަށްގިރުމުގެ މައްސަލަހައްލުކޮށް، ގާދިއްފުށީގައި ނަރުދަމާ ނިޒާމެއް ޤާއިމްކޮށްދޭނަން- ރައީސް

ކޮޅުމަޑުލު ދިޔަމިގިއްޔަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަހައްލުކޮށް، އެއަތޮޅު ގާދިއްފުށީ ނަރުދަމާގެ ނިޒާމު ކުރިއަށްއޮތް ދައުރުގެ ތެރޭގައި ޤާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ދިޔަމިގިލީ ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އުމްރާނީ ތަރައްޤީ ގެނައުމަށް ކުރީގެ ސަރުކާރުތަކުން މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ސަރުކާރުތަކުން ވާރުތަވި ދަރަނި ދެއްކުމަށް ހޭދަވި ފައިސާއަކީ ދިޔަމިގިލި ފަދަ އެތައްބައިވަރު ރަށެއްގެ ނަރުދަމާ ނިޒާމާއި އެތައް މަޝްރޫޢުތަކެއް ހިންގޭނެ ފައިސާކަމަށެވެ.

ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެކި ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން އެ ރަށަކުން ފުއްދުމުގެ ޤާބިލްކަން ހޯދައި ދިނުމަކީ ރައީސް ޔާމީންގެ އަމާޒެއް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ރާވާ ހިންގަވަނީ ދިރާސާ ކުރެއްވުމަށްފަހު އެކަންކަން ކުރެވޭނެކަމުގެ ޔަޤީންކަން އޮތުމުން ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.