ކުޅިވަރު

ލެޕޮޓީގު އަށް ފައިނަލެއް، ސިމިއޯނީ އަށް ޖަރުބާތީ މެޗެއް


ޔޫރަޕިއަން ސުޕަ ކަޕް މެޗަކީ ފައިނަލެއް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ސިފަކުރިއިރު މިއީ ވަރަށް ޖަރުބާތީ މެޗެއް ކަމަށް އެތްލެޓިކޯ މެޑްރިޑުން ސިފަކޮށްފިއެވެ.

މި މެޗަށް ނުކުންނައިރު ސްޕެނިޝް ލީގުގައި މި ދެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ރެއާލް މޮޅުވީ އެންމެ ފަހަރަކުއެވެ. ނަމަވެސް ރެއާލް ވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަތަރު އަހަރު ވެސް އެތްލެޓިކޯ ބަލިކޮށްފައެވެ. މިރޭގެ ފައިނަލަށް ރެއާލް ނުކުންނަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އެތްލެޓިކޯ އަކީ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ.
ޔޫރަޕުގެ ދެ ޗެމްޕިއަނުން ކުރިމަތިލާއިރު ރެއާލް މެޑްރިޑަށް މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޒައިނުއްދީން ޒިދާނާއި، ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޓީމާ ވަކިވެފަ އެވެ.
ރެއާލްގެ މިހާރުގެ ކޯޗަކީ ސްޕޭނުގެ ކުރީގެ ޤައުމީ ކޯޗު ހޫލިއަން ލެޕޮޓީގުއެވެ.

"އަހަރެންގެ ފުރަތަމަ މެޗަކީ ވެސް ފައިނަލެއް. ރެއާލްއަށް އަނެއްކާ ވެސް މިވަނީ މި މެޗުގައި ކުޅެން ފުރުސަތު ލިބިފައި. އެތްލެޓިކޯ އަކީ އަހަރުމެން ވަރަށް ރަނގަޅަށް ދަންނަ ޓީމެއް. އަދި މިއީ ލޯކަލް ޑާބީއެއް. މިއީ ވަރަށް ހާއްސަ އަދި ވަރަށް ހާއްސަ ފައިނަލެއް. އެމީހުންނަކީ ވަރަށް މޮޅު ޓީމެއް. ވަރަށް މޮޅު ކުޅުންތެރިން ތިބި ޓީމެއް. ކޯޗަކީ ޓީމާއެކު ވަރަށް ގިނަ އަހަރު މަސައްކަތްތަކެއްކޮށްފައިވާ ކޯޗެއް. އެ ޓީމު އެދަނީ އޭނާއާއެކު ރަނގަޅު މިސްރާބަކަށް،" ރެއާލްގެ ކޯޗު ބުންޏެވެ.

"މިއީ ފިޒިކަލީގޮތުންނާއި ޓެކްޓިކަލީ ވެސް ވަރަށް ވަރުގަދަ މެޗަކަށްވާނެ. މި ފައިނަލް ކާމިޔާބު ކުރާނީ އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ ޓީމު. އަހަރުމެން މިތިބީ އެތްލެޓިކޯ ބަލިކުރަން ތައްޔާރުވެގެން،" ކޯޗު ބުންޏެވެ.

އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ މި މެޗުން މޮޅުވާނީ އެކަމަށް އެންމެ ބޭނުންވެ، ޖަޒުބާތާއެކު މަސައްކަތް ކުރާ ޓީމު ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ އިމޯޝަންސް. އުއްމީދު. މި މެޗުން މޮޅުވާނީ މިކަންތައްތައް އެންމެ ފުރިހަމައަށް ހުރި ޓީމަކަށް،" ސިމިއޯނީ ބުންޏެވެ.

އޭނާ ބުނީ ޓީމާ އަލަށް މޮޅު ކުޅުންތެރިން ގުޅުނަސް ހުރިހާ ކުޅުންތެރިން ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ ކާމިޔާބު ލިބުން ދުރުވާނެ ކަމަށެވެ،

"(ރެއާލްއާ އަޅާބަލާއިރު) އަހަރުމެންގެ ބަޖެޓް (އެމީހުންނާ) އެއްވަރެއްނޫން. އެކަމަކު މޮޅުވާން ބޭނުންވެފައިވާ މިންވަރަށް ބަލާއިރު ދެ ޓީމު ވެސް ހަމަހަމަ. މި މެޗުން މޮޅުވާން އަހަރުމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން،" ކޯޗު ބުންޏެވެ.