ޚަބަރު

ޑޮލަރުގެ ބޭނުން ނަހަމަގޮތުގައިހިފާނަމަ އެ ކަރަންސީގެ ބާރު ކެނޑެން މާ ގިނަ ދުވަސްތަކެއް ނުނަގާނެ- ލަވްރޯފް


އެމެރިކާއަށް ލިބިފައިވާ ޑޮލަރުގެ ބޭނުން، ނަހަމަ ގޮތުގައި ހިފަމުންދާކަމަށް ރަޝިޔާއިން ތުހުމަތުކޮށްފިއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ، އެމެރިކާ ޑޮލަރަކީ ބައިނަލްއަޤުވާމީ ވިޔަފާރީގެ މުއާމަލާތްތަކުގަ އާއި ރިޒަރވް ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރާ މައިގަނޑު ފައިސާ ކަމަށްވާހިނދު، އެމެރިކާއިން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޑޮލަރުގެ ބޭނުން ކޮށްގެން ޤައުމުތަކަށް ބިރު ދައްކައިގެން ނުވާނެކަމަށެވެ.

ތުރުކީވިލާތަށް ކުރައްވާ ދަތުރެއްގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު މެވްލުޓް ޗަވެޝޮގްލޫއާއެކު އަންކަރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަވްރޯފް ވިދާޅުވީ، އެމެރިކާއަށް ލިބިފައިވާ ޑޮލަރުގެ ބާރު، ޤައުމުތަކަށް ބިރުދެއްކުމަށްޓަކައި ނަހަމަގޮތުގައި ބޭނުންކުރާނަމަ ޑޮލަރުގެ ބާރު ކެނޑެން މާ ގިނަ ދުވަސްތަކެއް ނުނަގާނެކަމަށެވެ. މިގޮތުން ޑޮލަރު ނޫން އެހެން ކަރަންސީއެއް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރިޔަށްގެންދިޔުމަށް އެތައް ޤައުމަކުން މިހާރު ބޭނުންވާކަމަށާއި، އެކަމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ލަވްރޯފް ވިދާޅުވިއެވެ.

ޗައިނާއިން ވަނީ އެ ޤައުމުން ތެލުގެ މުއާމަލާތް ކުރާނީ ޔުއާނުން ކަމަށް މިދިޔަ މާރިޗު މަހު ނިންމާފައެވެ. އަދި ތުރުކީ އާއި ޗައިނާ އާއި ރަޝިޔާ އާއި އީރާން ގުޅިގެން އެ ޤައުމުތަކުގެ މެދުގައި ޑޮލަރު ނޫން ކަރަންސީއަކުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމ ާމެދު ފަންނީ ދިރާސާތަކެއް ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.