ޚަބަރު

ވިޔަފާރި ބޭނުންތަކަށް އައްޑޫ ސިޓީން ދޫކުރާ ބިމުގައި ދެބުރިއަށްވުރެ މައްޗަށް އިމާރާތް ކުރެވޭނެ - ހައުސިންގ


ވިޔަފާރި ބޭނުންތަކަށް އައްޑޫ ސިޓީން ދޫކުރާ ބިމުގައި ދެބުރިއަށްވުރެ މައްޗަށް އިމާރާތް ކުރެވޭގޮތައް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރުމަށް ފުރުޞަތު ހުޅުވާލާ ހައުސިންގ މިނިސްޓްރީން ކުރިން ޢާއްމު ކުރި އިޢުލާނުގައި ވަނީ ކުއްޔަށް ދޫކުރާ ބިންތަކުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ގޮތުގައި ދެ ބުރިކަމަށް ކަނޑައަޅާފައެވެ.
ހައުސިންގް މިނިސްޓްރީން ބުނީ މި ޝަރުޠު އުނިކޮށް ބިމަށް އެދުމުގެ ފުުރުޞަތު ހުޅުވާލީ ކުއްޔަށް ދޫކުރާ ބިންތަކުގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނުގެ ގޮތުގައި ދެ ބުރިކަމަށް ކަނޑައަޅާފައި އޮތުމުން ބިންތަކަށް ހުށަހެޅުމަށް އޮތް ފުރުޞަތު ހަނިވެގެންދާތީކަމަށެވެ.

އައްޑޫސިޓީގެ 6 އަވަށަކުން ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރުު، އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހައުސިންގް މިނިސްޓްރީންވަނީ މިމަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފައެވެ. ހައުސިންގ މިނިސްޓްރީން ހުޅުވާލި މި ފުރުޞަތުގައި އައްޑޫސިޓީގެ 6 އަވަށެއްގެ 4 ޞަރަޙައްދަކުން ބިންތައް ދޫކުރަންވަނީ ހަމަޖެހިފައެވެ. އެއީ ބަނދަރު ޞަރަޙައްދާއި، ލިންކް ރޯޑް ނުވަތަ ޕްރައިމަރީ މަގުތަކާއި އީ.ސީ.ސީ ހޮސްޕިޓަލް ޞަރަޙައްދާއި އަދި އާންމުން ދިރިއުޅޭ އެކި ޞަރަޙައްދުތަކުންނެވެ.

ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް:

• ބަނދަރު ޞަރަޙައްދުން އަކަފޫޓަކަށް 3 ރުފިޔާ
• ލިންކް ރޯޑް ނުވަތަ ޕްރައިމަރީ ޞަރަޙައްދުން އަކަފޫޓަކަށް 2.60 ރުފިޔާ
• އީ.ސީ.ސީ ހޮސްޕިޓަލް ޞަރަޙައްދުން އަކަފޫޓަކަށް 2.20 ރުފިޔާ
• އެހެނިހެން ޞަރަޙައްދުން އަކަފޫޓަކަށް 1.80 ރުފިޔާ

ވިޔަފާރި ބޭނުމަށް އެންމެ ގިނަ ބިން ދޫކުރަން ހަމަޖެހިފައިވަނީ ހިތަދުއާއި ފޭދޫންނެވެ. އެއީ ކޮންމެ ރަށަކުން 25 ބިމެވެ. އެގޮތުން ހިތަދޫއިން އެއްހާސް ނުވަސަތޭކަ ފަސް އަކަފޫޓާއި، ދެހާސް ހަތްސަތޭކަ ސާޅީސްތިން އަކަފޫޓުގެ 25 ބިން ކުއްޔަށް ދިނުމަށް ހަަމަޖެހިފައިވާއިރު، ފޭދޫއިން އެއްހާސް ވިހި އަކަފޫޓާއި، 1500 އަކަފޫޓާއި ދެމެދުގެ 25 ބިން ކުއްޔަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އަދި މަރަދޫފޭދޫއިން އެއްހާސް އަކަފޫޓާއި އެއްހާސް ދުއިސައްތަ ފަންސާސް އަކަފޫޓާއި ދެމެދުގެ 10 ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާއިރު، މީދުއާއި މަރަދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ އަވަށަކުން 6 ބިމެވެ. މީދޫއިން ކުއްޔަށް ދޫކުރަނީ ތިންހާސް އަކަފޫޓުގެ ބިންތަކެކެވެ. އަދި މަރަދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްހާސް އަކަފޫޓުގެ ބިންތަކެކެވެ. މީގެ އިތުރުން ހުޅުދޫއިން ދެހާސް އަކަފޫޓާއި، ތިންހާސް އަކަފޫޓުގެ 7 ބިންދޫކުރުމަށްވަނީ ހަަމަޖެހިފައެވެ.

ހައުސިންގ މިނިސްޓްރީން ހުޅުވާލި މި ފުރުޞަތުގައި މުޅި ޖުމްލަ 79 ބިން ކުއްޔަށްދޫކުރުމަށްވަނީ ހަމަޖެހިފައެވެ.