ޚަބަރު

22 ރަށެއްގެ ނަރުދަމާ ޤާއިމްކޮށް 89 ރަށެއްގެ ނަރުދަމާ މަސައްކަތް ދަނީ ކުރަމުން - މިނިސްޓަރ


މި ސަރުކާރުން ވޭތުވެދިޔަ 4 އަހަރާ ބައިގެ ތެރޭގައި 22 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމްކޮށް، 89 ރަށެއްގެ ނަރުދަމާގެ މަޝްރޫޢު މިހާރު އެކި މަރުޙަލާތަކުގައި ވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ތ. ބުރުނީގެ ނަރުދަމާގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތ.ބުރުނީގައި ޤާއިމްކުރި ނަރުދަމާ ނިޒާމް މަޝްރޫޢުގެ ދަށުން އެރަށުގައި ވަނީ ހަތަރު ހާސް ހަތްސަތޭކަ ފަސްދޮޅޮސް އެއް މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން 2 ޕަންޕް ސްޓޭޝަން ބަހައްޓާ 171 ގެއަކަށް ވަނީ ޚިދުމަތް ދޭން ފަށާފައެވެ. އަދި ރަށުން ނަޖިސް ބޭރުކުރުމަށް 168 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ބުރުނީގައި ނަރުދަމާގެ ޚިދުމަތް ފެށުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ 4 އަހަރާ ބައިގެ ތެރޭގައި 22 ރަށެއްގައި ނަރުދަމާ ޤާއިމްކޮށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރުވެސް 89 ރަށެއްގައި ނަރުދަމާ ޤާއިމް ކުރުމުގެ މަޝްރޫޢުތައް އެކި މަރުހަލާގައި ވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީންގެ ލީޑަރޝިޕްގެ ދަށުން މިހާތަނަށް ރާއްޖޭގެ ތަރައްޤީއަށް ހިންގާފައިވާ މަޝްރޫޢުތަކާ ގާތްކުރާ ވަރަށްވެސް ކުރީގެ ސަރުކާރުތަކުން ރާއްޖޭގައި މަޝްރޫޢުތައް ހިންގާފައިނުވާކަމަށެވެ.

''ރައީސް ޔާމީންގެ ސަރުކާރުން ނަރުދަމާގެ 89 މަޝްރޫޢެއް އެކި މަރުޙަލާތަކުގައި ކުރިއަށް އެބަގެންދޭ. މިހާ ވަރުގަދަ ޕްރޮޖެކްޓެއް އަދި މިހާތަނަށް ހިންގާފައެއް ނުވޭ. އިދިކޮޅު ފަރާތްތަކުން ތ.ބުރީނީގައި ނަރުދަމާ ޤާއިމްކުރަން ބަޖެޓަށް ވޯޓުއެއް ނުދެއްވާ. ރައީސް ޔާމީންގެ ވައުދެއް 75 އިންސައްތަ އާބާދީއަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން، މިހާރުވެސް 75 އިންސައްތަ ބޮޑު އާބާދީއަކަށް އެޚިދުމަތް ފޯރުކޮށްދެވިއްޖެ ރައީސް ޔާމީންގެ ސަރުކާރުގައި'' މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ، ވޭތުދިޔަ ހަތަރު އަހަރާ ބައިގެ ތެރޭގައި 22 ރަށެއްގައި ނަރުދަމާ އަޅާ ނިންމާފައި ކަމަށެވެ. އަދި 26 ރަށެއްގައި ނަރުދަމާގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާއިރު، 6 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށެވެ. މީގެ އިތުރުން 20 ރަށެއްގައި ނަރުދަމާ ޤާއިމްކުރުމަށް ކޮންޓްރެކްޓަރާ ޙަވާލުކުރެވި، 8 ރަށެއްގައި ނަރުދަމާ ޤާއިމްކުރުމަށް އޮފިޑްގެ ލޯނު އެހީ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ 2 މެގަވޮޓުގެ ސޯލާ ޕެންލަކަން ފާހަގަކުރައްވާ، މި ސަރުކާރުން ފެށި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ މަޝްރޫޢުގެ ދަށުން، ފާއިތުވި ހަތަރު އަހަރާ ބައިގެ ތެރޭގައި 14 މެގަ ވޮޓުގެ ސޯލާ ޕެނަލް ހަރުކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ތ.ބުރުނީގައިވެސް 100 ކިލޯ ވޮޓުގެ ސޯލާރ ޕެނަލް ހަރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.