ޚަބަރު

އިޖްތިމާޢީ އެހީތެރިކަން ފުޅާކުރަން ބޭނުންވާނަމަ ރައީސް ޔާމީނަށް ވޯޓުދެއްވާ- ފާތިމަތު އިބްރާހިމް


ރައްޔިތުންނަށް އެހީތެރިވެދިނުމަށް ހިންގަވާ އިޖްތިމާޢީ މަސައްކަތްތައް އިތުރަށް ފުޅާކުރެވޭނީ ރައީސް ޔާމީނަށް ވޯޓު ދެއްވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ "އެންމެ ގާތުން ކެމްޕެއިނުގެ ދަށުން" މިހާރު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބ. ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ކުރިއަށްގެންދަވާ އެންމެ ގާތުން ކެމްޕެއިނުގެ ދަށުން މިއަދު ބ.އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފައެވެ. އެގޮތުން އެކަމަނާ ފުރަތަމަ ވަޑައިގަތީ ބ. އަތޮޅު ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް ފަހު އެކަމަނާ ވަޑައިގަތީ އެއަތޮޅު ދޮންފަނަށެވެ. އަދި މިއަދު ހަވީރު އެކަމަނާ ވަނީ އެއަތޮޅު ކިހާދޫއަށް ވަޑައިގެންފައެވެ.

ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވިދާޅުވީ މުޖްތަމަޢުގައި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމަކީ އެކަމަނާއަށް ލިބިވަޑައިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އެގޮތުން ނުކެޅުންދެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންފަދަ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެދެއްވަމުންދާ އެހީ އިތުރަށް ފުޅާކުރުމަށް ބޭނުންފުޅުވާކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް އިތުރަށް ފުޅާކުރެވޭނީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓުދެއްވައިގެންކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަޑައިގެންނެވި 3 ރަށުންވެސް އެކަމަނާއަށް ހޫނު މަރުޚަބާއެއް ދެންނެވިއެވެ. އަދި ރަށްރަށަށް ވަޑައިގެން، އެރަށްރަށުގެ އިސް ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންނާ ބައްދަލުކޮށް، އެމީހުންގެ ޝުޢޫރުތަކާއި އިހްސާސްތައް އަޑުއެއްސެވިއެވެ. އަދި އެފަރާތްތަކަށް ދިމާވާ އެކި ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާ އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތް އިބްރާހީމް ބ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތިންރަށަކަށް ވަޑައިގަންނަވާފައިވާއިރު މާދަމާވެސް އެއަތޮޅުގެ ތިންރަށަކަށް އެކަމަނާ ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.