ޚަބަރު

އަދާލަތު ޕާޓީ ހިންގަމުންދަނީ ޕާޓީ އުފެއްދި މަޤްޞަދާ ޚިލާފަށް- އާންމު މެންބަރުން


އަދާލަތު ޕާޓީގެ ކަންކަން ނިންމުމުގައި ޕާޓީގައި މިވަގުތު އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން ބިރުގަންނަ ދަރަޖައިގެ ޢަމަލުތައް ފެންނަމުންދާކަމަށާއި، އެކަންކަމުން ބަރިއްޔަވާކަމަށް ބުނެ އެޕާޓީގެ އާންމު މެންބަރުންތަކެއް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދާލަތު ޕާޓީގެ ޢާންމު މެންބަރުންތަކެއް ޝީ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އެޕާޓީ މިހާރު ހިންގަމުން އަންނަނީ ޕާޓީ އުފެއްދި މަޤްޞަދާއި ޚިލާފަށް، ޕާޓީގައި މިވަގުތު ތިބި މަދު ދެތިން މީހަކު ބޭނުންވާ ގޮތަށް، އެބޭފުޅުންގެ ނުފޫޒާއި ބާރު ފޯރުވައިގެންކަމަށެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ޕާޓީން ހިންގާ ކަންކަމަށް ހެޔޮ އެދޭ ފަރާތްތަކުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މިއަދާހަމައަށްވެސް ލިބެމުންދާކަމަށެވެ. ނަމަވެސް އެފައިސާތަކަށް ވާނުނުވާވެސް މިހާރު ނޭންގޭކަމަށް އެ މެންބަރުން ވަނީ ބުނެފައެވެ. އެހެންކަމުން ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރަނީ ކިހިނެތްތޯ ޢާންމު މެންބަރުންގެ ހައިޞިއްޔަތުން ބަލަން ބޭނުންވާކަމަށް މެންބަރުން ބުންޏެވެ.

"އަދާލަތު ޕާޓީ އުފެދިގެން އައިއިރު ބޮޑެތި ބޮޑެތި ކަންކަން ނިންމަނީ މަޝްވަރާކުރެވިގެން ވަރަށް ރަނގަޅަށް. ޕާޓީގެ އިލްމުވެރިންގެ ރަޢުޔާއެކު އިލްމުވެރިން ބުނާގޮތަށް. ނަމަވެސް މިހާރު ގިނަ ކަންތައްތައް ނިންމަމުންދަނީ ގިނަ އިލްމުވެރިންގެ ޚިޔާލާއި، އެބޭފުޅުންގެ އިރުޝާދު އެއްފަރާތް ކުރުމަށްފަހު، ޕާޓީގައި މިވަގުތު ތިބި މަދު ދެތިން މީހެއް ބޭނުންވާގޮތަށް" އާންމު މެންބަރުން ބުންޏެވެ.

އެމްޑީޕީން އިސްލާމް ދީން ނައްތާލަން އުޅޭކަމަށް ބުނެ އެޕާޓީގެ ފިކުރަށް ދުވަހަކުވެސް ތަބާނުވާނެކަމަށް ވަޢުދުވެ، ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ އޭރުގެ ރައީސް ޝެއިޙް އިމްރާން ޢަބްދުﷲ އާންމު މެންބަރުންނާއެކު ވަޢުދުވެ އެގޮތަށް ނިންމުމަށްފަހު، އެންމެ ނުރުހޭ ފިކުރުގެ މީހުންގެ ފަހަތަށް ދާންޖެހުނު ސަބަބު އާންމު މެންބަރުންނާއި ރަށްރަށުގައިތިބި އަދާލަތު ޕާޓީގެ ސަޕޯޓަރުންނާއި މެންބަރުންނަށް އެންގެން ޖެހޭކަމަށް މިނޫސްވެރިންގެ ބައްދަލުވުމުގައި އެ މެންބަރުން ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީގެ އިސް ސަފުގައި މިއަދު ތިބި ބޭފުޅުން ތިބީ ބްލެކްމެއިލް ވެފައިތޯ ސުވާލުކުރަމުން މި މެންބަރުން ބުނީ، މޭޑޭގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވީ އޭނާގެ އަމިއްލަ ވިސްނުމުގައި ކަމަށެވެ. އެކަން ކުރީ ޕާޓީގެ އިލްމުވެރިންގެ ބަހާއި އާންމު މެންބަރުންގެ ބަހާވެސް ޚިލާފަށްކަމަށް މެންބަރުން ބުންޏެވެ. އަދި އިލްމުވެރިންގެ ރަޢުޔެއްނެތި މަދު ބަޔަކު ނިންމާ ނިންމުމަކަށް އަދާލަތު ޕާޓީ ކުރިއަށްގެންދާތީ ޕާޓީ ކުރިއަށްގެންދާ ގޮތް ތަހްގީގުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް މިމެންބަރުން ވަނީ ގޮވާލައްވާފައެވެ.

"އިމްރާން ޢަބްދުﷲ މޭޑޭގެ މުޒާހަރާގައި ބައިވެރިވިއިރު އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ މޭޑޭގެ މުޒާހަރާގައި ބައިވެރިވެގެން ޤައުމަށާއި، މުސްލިމު މުޖުތަމަޢަށް ލިބުނީ ކޮން ނަސްރެއްތޯ. އަޅުގަނޑު ބޭނުންވޭ އަދާލަތު ޕާޓީގައި މިވަގުތު ތިބި ބޭފުޅުންގެ ތަޙްޤީގެއްކުރަން ކީވެގެންތޯ އެބޭފުޅުން އެމް.ޑީ.ޕީގެ ފަހަތަށް ގޮސް އެތިބީ" އާންމު މެންބަރުން ބުންޏެވެ.

ޕާޓީގެ ކަންކަން ކުރިއަށްދާ ގޮތާމެދު ހިންހަމަނުޖެހިގެން މިވަގުތު ޕާޓީން ފެއަށް ޖެހިގެން ތިއްބެވި އިލްމުވެރިންވެސް އާންމު މެންބަރުންގެ މި ކަންބޮޑުވުންތަކާއި، ޝަކުވާތަކާއި ގުޅޭގޮތުން އެފަރާތްތަކުން ދެކޭގޮތް ހާމަކުރުމަށް މެންބަރުން ވަނީ އިލްމުވެރިންނަށް ގޮވާލައްވާފައެވެ.