ޚަބަރު

ވަޒީފާއިން މުސްކުޅި ކުރާ ޢުމުރު މަތި ކުރުމުން ޢިނާޔަތް ބޮޑުވެގެންދާނެ - ރައީސް


ވަޒީފާއިން މުސްކުޅި ކުރާ ޢުމުރު މަތިކުރަން ހުށަހެޅީ މަޖުބޫރުން ވަޒީފާއިން ރިޓަޔަރ ކުރުވަން ނޫން ކަމަށާއި އެ ބަދަލު އެގޮތަށް ގެނައުމުން ރިޓަޔަރ ކުރާ މީހުންނަށް ލިބޭ އިނާޔަތް ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ތ. ވޭމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރަށްރަށުގައި ދައްކަވަމުންދާ ވާހަކަ އެހެން ގޮތް ގޮތަށް ބަދަލުކޮށްގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ. އެގޮތުން ރިޓަޔާ ކުރާ އުމުރު 74 އަހަރަށް ހެދުމުން 65 އަހަރު ވާ މީހުންނަށް ދޭ އިނާޔަތް ކެނޑިގެންދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެވާހަކަތައް އޮޅުވާލައިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެބޭފުޅުންގެ އިނާޔަތެއް ކެނޑިގެން ނުދާނެ. އަދި ކީއްތޯ. އެބޭފުޅުންގެ އިނާޔަތް ލިބިފައި އޭގެ އިތުރަށް އެބޭފުޅުންގެ ތެރެއިން ސަރުކާރުގެ ވަޒީފާއަށް ވަންނަން ބޭނުންފުޅުވާ ބޭފުޅުންނަށް އެބޭފުޅުންގެ އިނާޔަތަށް ވުރެ ބޮޑު އެއްޗެއް ލިބިގެންދާނެ ފޯމިއުލާއެއް އަޅުގަނޑު ހުށަހެޅީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ 65 އަހަރުވުމުންވެސް މަސައްކަތް ކުރަން ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުން ރާއްޖޭގައި ތިބިކަން އެމަނިކުފާނަށް އެނގިލައްވާ ކަމަށެވެ. އަދި އެ ދާއިރާތަކުގައި މަސައްކަތް ކުރާ ބޭފުޅުން 65 އަހަރުވުމުން ވަޒީފާ ދޫކޮށް އެނބުރި ދާންޖެހޭ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަކަށް ހޮވުނު ނަމަވެސް މީހުންގެ އަބުރާ ބެހެން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި މީހުންގެ ގޭދޮށަށް އެއްވެ އަޑުގަދަ ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން އެކަން ކުރަން ޖެހޭ ސަބަބަކީ އެތައް ބައެއްގެ ހައްޤު ގެއްލިގެންދާތީ ކަމަކަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެއްވެ އުޅޭ މީހުން އަބަދުވެސް ތަންތަނަށް އެއްވެ އަޑުގަދަ ކުރަމުންގެންދަންވީ. އެކަމަކު މަދަރުސާތައް ކައިރިއަށް ގޮސް. މިސްކިތުގައި މީހުން ޖަމާއަތުގައި ތިއްބައި ހަޅޭފަޅޭ ލަވާކަށް ފުރުޞަތެއް ނުދެވޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޒުވާނުންނަށް އަދިވެސް އެތައް ވަޒީފާގެ ފުރުޞަތުތަކެއް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި، އެތައް ވަޒީފާއެއް އުފައްދާފައިވާކަން ފާހަގަކުރައްވާ، ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަށް ވަޒީފާ ހޯދައިދެވޭނެ އެންމެ ބޮޑު ދެ މަގަކީ ފަތުރުވެރިކަމުގެ ސިނާއަތުންނާއި ސަރުކާރުގެ ކުންފުނިތައް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ކުންފުނިތައް އުވާލުމާއި އެތަންތަނުގެ ސައިޒު ކުޑަކުރުމަކީ، އެތައް ބަޔަކަށް އެކަމުގެ ގެއްލުން ލިބޭނެ ކަމެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މީގެކުރިންވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ.