ތ. ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރައްވާ މިއަހަރުގެ ތެރޭގައި ނިންމައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތިމަރަފުށީގައި ސަރުކާރުން ޤާއިމުކުރި ފެނުގެ ނިޒާމް އިފުތިތާޚްކޮށްދެއްވުމަށްފަހު، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބިން ހިއްކައިގެން އެރަށުގައި ހަދާއިފައިވާ އެއާޕޯޓުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށެވެ. އެގޮތުން ހިއްކާފައިވާ ބިމުން ގޯތި ދޫކުރުމުގެ ވިސްނުން އެރަށު ރައްޔިތުން ގެންގުޅޭކަން އެނޑިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ތިމަރަފުށީގެ ލޭންޑް ޔޫސް ޕްލޭން ނިންމައި ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ. އެގޮތުން ހަމަޖެހިފައިވާ ޢުޞޫލެއްގެ ދަށުން ކައުންސިލުން ބިން ދޫކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެއާޕޯޓުން ފެށިގެން އަޅުގަނޑުމެން މިޖަލްސާ ކުރަމުންދާ ހިސާބު. ބަނދަރާ ހަމައަށް އަންނަ އިރު އެމަގު ހެދިފައި އޮތް ނަމަ ތިމަރަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަވެގެން ދާނެ. ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މިއަހަރުތެރޭ ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް ފަށާނެ ވާހަކަ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި އޭޓީއެމްތައް ޤާއިމް ކުރެވިގެންދާނެ ކަމަށެވެ.
"ދެހާސް ފަސްސަތޭކަ އާބަދީ ހަމަވަންޏާ އޭޓީއެމްއެއްވެސް ލިބޭނެ ކަމަށް ބަލަމާ ހިންގަވާ. މިރަށަށް އަޅުގަނޑު ދަންނަވާނީ 2500 އަށް ވުރެ އާބާދީ ބޮޑުވާތީ އޭޓީއެމްއެއް ނޫނޭ އިރާދަ ކުރެއްވިއްޔާ ފުލް ބްރާންޗެއްގެ ޚިދުމަތް މިރަށަށް ލިބެގެންދާނެއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ރަށްތަކުގައި ފަށާފައި ހުރި މަޝްރޫޢުތައް، އިދިކޮޅު ވެރިކަމެއްގައި ނިންމައިދޭނެ ކަމަށް ވަޢުދުވަމުންދާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން ފައްޓާފައި ހުރި މަޝްރޫއެއް، ނިންމުމުގެ ޝައުގުވެރިކަން ހުރީ އެ މަނިކުފާނު ކަމަށާއި އެހެން ބަޔަކު ޝައުގުވެރިނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.