ޚަބަރު

މާފަރު އެއަރޕޯޓަށް މާދަމާ ޓެސްޓު ފްލައިޓު ޖައްސަނީ


ނ. މާފަރުގައި ތަރައްޤީކުރާ އެއަރޕޯޓަށް މާދަމާ ޓެސްޓު ފްލައިޓް ޖައްސާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ސާމީ އަޤީލް ވިދާޅުވީ، މާފަރު އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1415 ގައި ކަމަށެވެ. މިދިޔަ ހަފުތާގައިވަނީ މާފަރު އެއަރޕޯޓުގެ ރަންވޭގެ މަސައްކަތްތައް ނިންމާލާފައެވެ. ސާމީ އަޤީލް ވިދާޅުވީ، އެއަރޕޯޓުގެ ޓާރމިނަލާއި، ޓަވަރުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެމަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށެވެ.

މާފަރުގައި 2200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރަނީ ބައިނަލްއަޤުވާމީ ފެންވަރުގެ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން، ޕެސެންޖަރ ޓާރމިނަލާއެކު، ވީވީއައިޕީ ޓާރމިނަލަކާއި، ޖެޓް ޕާކިންގ ފެސިލިޓީސް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި އަޅާ މިއެއަރޕޯޓަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.
ނ. މާފާރުގައި ތަރައްޤީކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ އެއަރޕޯޓާއެކު، ފަންސަވީސް ހާސް މީހުންގެ އާބާދީއެއް އޮންނަ ނ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެ، ވަޒީގެ ފުރުޞަތު އިތުރުވެ، ފަތުރުވެރިކަން ފުޅާވެ ކުރިއަރައިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.