ކޮޅުމަޑުލު ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޚްކޮށްދެއްވައިފިއެވެ.
ވޭމަންޑޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. ދަޢުލަތުގެ ބަޖެޓުން 6.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.
ވޭމަންޑޫގެ ގިރާ ސަރަޚައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އެރަށުގައި ފެނާއި ނަރުދަމާ އަޅައި ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކުރި ފެނުގެ ޚިދުމަތް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ގިރާ ސަރަޚައްދު ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ނިމުން އިފްތިތާޙްކޮށްދެއްވާފައިވާއިރު، މިއަދު ހަވީރު ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބުރުނީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ވިލުފުށީގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަ ކުރުމާއި، މަޑިފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއެކު އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ ދަތުރުފުޅުގައި މަޑިފުށީގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ފައްޓަވައިދެއްވަން ހަމަޖެހިފައިވާއިރު، ފަހު ރަށެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދިޔަމިގިއްޔަށެވެ. އަދި އެރަށުގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.