ޚަބަރު

ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދަން އިޢުލާންކޮށްފި


މާލެއާއި ހުޅުލެ ގުޅުވާލާ "ސިނަމާލެ ބްރިޖް"ގެ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީ ޢާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ ސިނަމާލޭ ބްރިޖްގައި ހަރުކުރަން ހަމަޖެހިފައިވާ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 27 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން، ހައުސިންގ މިނިސްޓްރީއަށް އަގު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މި އިޢުލާނުގައި ބުނެފައިވަނީ އެކަމަށް އެދޭ ބިޑް ހުށަހަޅާއިރު، ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއަދުން ފެށިގެން މިމަހުގެ 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ވެސް އިޢުލާނުގައިވަނީ ބުނެފައެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި 170 މިލިއަން ޑޮލަރުދޭން ނިންމާފައިވަނީ ލޯނުއެހީގެ ގޮތުގައެވެ. ބްރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަނީ، މިފަދަ މަސައްކަތްތައް ކުރުމުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.