ޚަބަރު

ކުރައުން އެންޑް ޗަންޕާގެ 9 ވަނަ ރިސޯޓް ނޮވެމްބަރު މަހު ހުޅުވަނީ!


ކުރައުން އެންޑް ޗަންޕާގެ އައު ރިސޯޓެއް ނޮވެމްބަރުމަހުގެ ތެރޭގައި ހުޅުވުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

އިންނަހުރާ މޯލްޑިވްސް ރިސޯޓްގެ ނަމުގައި މި ރިސޯޓް ހުޅުވަނީ ޅ. އަތޮޅުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން މި ރިސޯޓަށް 40 މިނެޓުގެ ތެރޭގައި ދެވޭނެއެވެ.

މި ރިސޯޓްގައި 78 ކޮޓަރި ހުންނާނެ ކަމަށް އެރިސޯޓުން މައުލޫމާތުދެއެވެ. އެއީ 33 ސަންސެޓް ބީޗް ބެންގަލޯ އާއި 45 ސަންރައިޒް ބީޗް ބެންގަލޯއެވެ.
މި ރިސޯޓްގެ ކޮޓަރިތަކަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފދައިވާ ކޮޓަރިތަކެއްކަމަށް އެ ރިސޯޓުން ބުނެއެވެ. މި ރިސޯޓް ހުޅުވާއިރު ރިސޯޓްގައި ސަންސެޓް ބާރއަކާއި، އޯވަވޯޓަރ ލައިބްރަރީ ބާރއެއްގެ އިތުރުން، ބުފޭގެ ޙިދުމަތްދޭނެ ބީޗް ފްރޮންޓް ރެސްޓޯރެންޓެއް ހުންނާނެއެވެ.

މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި މި ރިސޯޓް ހުޅުވިގެންދާއިރު ރިސޯޓްގައި ވޯޓާ ސްޕޯރޓްސް ސެންޓަރަކާއި، ޑައިވް ސެންޓަރަކާއި، ސްޕާއެއްގެ އިތުރުން ޖިމްއަކާއި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް އެ ރިސޯޓުން ބުނެއެވެ.

ކުރައުން އެންޑް ޗަންޕާ ރިސޯޓް ކުންފުނިން މިހާރުވެސް 8 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ހުރަވަޅި މޯލްޑިވްސް، ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ، ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ، މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ، މިރިހި އައިލެންޑް ރިސޯޓް، ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި، ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއެވެ.