ކުޅިވަރު

ސައޫދީ އިސްވެއޮވެ އުފެއްދި ފުޓްބޯޅަ ފެޑެރޭޝަންގެ ސީނިއަރ ނައިބު ރައީސްއަކަށް ޝަވީދު


ސައޫދީ އިސްވެ އޮވެ، އުފެއްދި ފުޓްބޯޅަ ޖަމާއަތުގެ ސީނިއަރ ނައިބުރައީސްއަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދު އިންތިޚާބުކޮށްފިއެވެ.

ރާއްޖެ ބައިވެރިވާ ޖަމާއަތުގެ ސީނިއަރ ނައިބުރައީސްކަން ޝަވީދު ކާމިޔާބުކުރެއްވީ މިއަދު އޮތް އިންތިޚާބުގައި ޕާކިސްތާނުގެ ފަރާތުން ވާދަކުރެއްވި އެޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހުޒޫމް ފައިސަލްއާ ވާދަކުރައްވާ ކުރި ހޯއްދަވައިގެންނެވެ. ޝަވީދު 8 ވޯޓް ހޯއްދެވިއެއެވެ. މަހުޒޫމްއަށް ލިބިލެއްވީ 4 ވޯޓެވެ. ޝަވީދު ވަނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސްކަންވެސް ކުރައްވާފައެވެ. އަދި މިހާރުވެސް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުމުގައި އޭނާގެ ދައުރު އޮވެއެވެ. އޭނާއަކީ އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެކެވެ.
ރައީސްކަމަށް އިންތިޚާބުވީ އާދިލް ބިން މުޙައްމަދު އިއްޒަތެވެ. ނައިބުރައީސްއަކަށް އިންތިޚާބުވީ އަބުދުﷲ އަލް ޖުނެއިބެވެ. އެގްޒެކްޓިވް ބޯޑް މެމްބަރުންގެ ގޮތުގައި ދެން ތިއްބަވާނީ މަހުފޫޒާ އަޚުޠަރާއި، އަރުނާ ޑަ ސިލްވާއާއި، ކަރުމާ ސެރިން ޝެރްފާއާއި، އަލީ ޚަލީފާއާއި، ހަސަން ބާ ޝަންފާއެވެ. މީގެއިތުރުން އަދި އަދި އަންހެން މެމްބަރަކު ވެސްޓް ޒޯނުން އިންތިޚާބުކުރާނެއެވެ.

ސައޫދީއަރަބިޔާ އިސްވެ އޮވެ އުފެއްދި ޖަމްއިއްޔާ ސްވާފްގައި އިންޑިޔާ، ޕާކިސްތާން، އޮމާން. ބަނގްލަދޭޝް، ބޫޓާން ހިމެނެއެވެ. ސައުތް ވެސްޓް އޭޝިޔަން ފުޓްބޯޅަ ފެޑެރޭޝަން، ސްވަފްގެ އަމާޒަކީ ހުރިހާ އުމުރެއްގައި ފުޓްބޯޅައިގެ ހުނަރުތައް ތަރައްޤީކޮށް، ދެޖިންސަށްވެސް ހަމަހަމަ ފުރުޞަތު ދީގެން މަސައްކަތްކުރުމެވެ.