ޚަބަރު

ބޮޑު ޖަމާޢަތުގައި ނަމާދުކުރުމަށް ހުއްދަ ނަގަން އެންގީ މައްސަލަތައް ކުޑަކުރަން - އިސްލާމިކް މިނިސްޓްރީ


ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ޚާއްސަ ހުއްދައެއް ނެގުމަށް އަންގާފައިވަނީ، ނަމާދުގެ ކަންކަން އިންތިޒާމުކުރުމުގައި ޖެހޭ މައްސައްލަތައް ކުޑަކުރުމަށްކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

ޕިއެސްއެމް ނިއުސްގެ "ނޭޝަން ފަސްޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ މީގެ ކުރިންވެސް ކައުންސިލްތަކުން ބޮޑު ޖަމާޢަތުގައި ނަމާދުކުރަނީ އިސްލާމިކް މިނިސްޓްރީއަށް އެކަން އެންގުމަށްފަހުކަމަށެވެ. އަދި މިކަން ރަސްމީކޮށް ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކަށް އެންގީ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގައި ދިމާވާ މައްސަލަތަކުގެ ޝަކުވާ ލިބެމުންދާތީ، އެކަންކަން ޙައްލުކުރުމަށްކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުއްދަ ނެގުމުގައި ކައުންސިލްތަކަށް އެއްވެސް ބުރަކަމެއް ނޯންނާނެކަމަށާއި، މިކަން މިގޮތަށް ކުރަނީ، ނަމާދު ކުރާ ސަރަޙައްދައްކީ މީހުންނަށް ފަސޭހައިންދެވޭ ސަރަޙައްދެއްތޯ ބެލުމާއި، ނަމާދުކުރުމަށް ޢިމާމުން ހަމަޖެއްސުމާއި، އަދި އެކަމަށް ބޭނުންވާ ޖާގަ ތަނަވަސްތޯ ބެލުމަށްކަމަށެވެ. ޢަލީ ވަޙީދު ވިދާޅުވީ މިހާރުވެސް ގިނަ ރަށްތަކަކުން ބޮޑުޖަމާޢަތުގައި ނަމާދުކުރުމަށް އެދިފައިވާކަމަށާއި، އެކަމަށް ހުއްދަދެމުންދާކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ބައެއް ފަރާތްތަކުން ޚުތުބާގެ ބައެއް ބަސްތަކާއި، ލަފުޒުތައް ބަދަލުކޮށްގެން ކިޔަމުންދާކަމުގެ ޝަކުވާވެސް ލިބެމުންދާކަމަށާއި، މިގޮތަށް ޢަމަލުކުރާ ބައެއް އިމާމުން ސަސްޕެންޑްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދް ވިދާޅުވީ، ބޮޑު ޖަމާޢަތުގައި ޢީދުނަމާދުކުރުމަށް ހުއްދަނަގަން ނިންމީ މިފަދަ ކަންކަމުން ރައްކާތެރިވެ، ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމަށްކަމަށެވެ.