ޚަބަރު

ތެވެލި ކޮންފަރެންސް ފަށައިފި


ސަތޭކަ ފަސް ދިރާސާ ކަރުދާހާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ރިސަރޗް ކޮންފަރެންސް ފަށައިފި. "ތެވެލި" މި ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދަނީ ދިވެހި ޤައުމީ ޔުނިވަރސިޓީގައެވެ.

އިލްމީ ދިރާސާ ކުރުމުގެ ޘަޤާފަތެއް ރާއްޖޭގައި އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ކޮންފަރެންސަށް މިއަހަރު ސަތޭކަ ފަސް ދިރާސާ ކަރުދާސް ހުށައަޅާފައިވެެއެވެ. އޭގެ ތެރެއިން ފަންސާސް ފަސް ކަރުދާހަކީ ރާއްޖެއާ ގުޅޭ އެކި ދާއިރާތަކުން ދިވެހިން ތައްޔާރުކޮށްފައިވާ ދިރާސާ ކަރުދާސްކަން ފާހަގަކޮށްލެވެއެވެ. ބާކީ ފަންސާސް ކަރުދާހަކީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން އެކި ދާއިރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައްކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

މިއަހަރުގެ ދިރާސާ ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ މުޅި ދުނިޔޭގައިވެސް ވަރަށް ވާދަވެރި ދާއިރާއަކަށްވެފައި ތަޢުލީމު ދޭ އިންސްޓިޓިއުޓްތަކުގެ އަގު އަރައިގެންދާ އެއްކަމަކީ އެތަނެއްގައި ކުރެވޭ ދިރާސާތަކުގެ މުއްސަނދިކަންކަމަށެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މިމަސައްކަތަކީ އެ އިންސްޓިޓުޓް ބަލައިގަންނަން މީހުނަށް ފަސޭހަ ވާނެކަމަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ މި ކޮންފަރެންސްގައި ތައްޔާރުކުރާ ދިރާސާތަކަކީ ރާއްޖެ ކުރިއަށް ދިޔުމުގައި މުހިއްމު ދައުރެއް އަދާ ކުރާނެކަމެއްކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން އިންތިޒާމް ކުރާ މިކޮންފަރެންސްގައި ފުޑް ސައިންސާއި ތިމާވެއްޓާއި އަންހެނުންނާއި، ހަމަހަމަކަމާއި ޢާއިލާތަކުގައި ދިމާވާ އެކި މައްސަލަތަކާ ގުޅޭގޮތުން ކާމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީޗްތަކެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ކޮންފަރެންސަށް ކަރުދާސް ހުށައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި ފަތުރުވެރިކަމާއި ސިއްޙަތާއި ތާރީޚާއި ގުޅޭ ދާއިރާތައްވެސް ހިމެނޭކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

މިކޮންފަރެންސަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ. އެ ޔުނިވަރސިޓީން ބުނީ މިދިޔަ އަހަރު ބޭއްވި، އެ ޔުނިވަރސިޓީގެ ފުރަތަމަ ރިސަރޗް ކޮންފަރެންސްގައި ހުށަހެޅުނު ދިރާސާ ކަރުދާސް ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަރުދާސްތައް މިއަހަރުގެ ކޮންފަރެންސްގައި އާންމު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ޤައުމުތައް ބައިވެރިވާއިރު މިދިޔަ އަހަރަށްވުރެ ގިނަ ޤައުމުތަކުން މިއަހަރު ބައިވެރިވެފައިކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. އެގޮތުން އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީލަންކާ، އޮމާން އަދި ޤަތަރުގެ އިތުރުން ނިއުޒިލެންޑާއި މެލެޝީއާއިންވެސް ބައިވެރިވެފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.