ޚަބަރު

ފައިނު އެއަރޕޯޓަށް ބޭނުންވާ އީ.އައި.އޭ އާއި ލޭންޑް ސަރވޭގެ މަސައްކަތް ފަށައިފި


ރ. ފައިނުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓާއި ލޭންޑް ސާރވޭގެ މަސައްކަތް ފަށައިފިއެވެ.

ފައިނު އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާ ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވީ، ފައިނު އެއަރޕޯޓަށް ބޭނުންވާ އީ.އައި.އޭ އާއި ލޭންޑް ސަރވޭގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އުއްމީދަކީ މިމަހުގެ ފަހުކޮޅު ނުވަތަ އަންނަމަހުގެ ކުރީކޮޅު އެއަރޕޯޓު އެޅުމަށް ބޭނުންވާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފެށުންކަމަށެވެ.

ހާރިސް ވިދާޅުވީ އެއަރޕޯޓުގެ ޑިޒައިނިންގ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ކުރިއަށް އޮތް 2 މަހެއްގެ ތެރޭގައި އެއަރޕޯޓުގެ އެޅުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.

ރ. ފައިނު އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު ރަންވޭއަކާއި، އޭޕްރަނެއްގެ އިތުރުން ޕަސެންޖަރ ޓަރމިނަލަކާއި، އެއަރޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އެއާޕޯޓް ހުޅުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ފައިނުގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ފައިސާ ހޯދާފައިވަނީ އައިލެންޑް އޭވިއޭޝަންގެ އެއަރ ޓިކެޓް އެޑްވާންސްކޮށް ވިއްކައިގެންނެވެ. އަދި އެޑްވާންސްކޮށް އެއަރ ޓިކެޓް ގަނެފައިވަނީ މަޝްހޫރު ވިޔަފާރި ކުންފުނި ޔުނިވާސަލްއާއި، ރ. އަތޮޅުގައި ޓުއަރިސްޓު ރިސޯޓް ހިންގާ ބައެއް ކުންފުނިތަކުންކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ރ. އަތޮޅުގައި ސަރުކާރުން ތަރައްޤީކުރާ ދެވަނަ އެއަރޕޯޓުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ ސިޓީ ހޮޓަލަކާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ޙަރަދުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.