ޚަބަރު

ރައްކާތެރިކަމަށްޓަކައި ރިންގް ރޯޑް ސަރަޙައްދަށް ނުވަނުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި


ސިނަމާލެ ބްރިޖާއި ގުޅުންހުރި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަޙައްދަށް އާއްމުންގޮސް ވަދެ ނޫޅުމަށް ހައުސިންގ މިނިސްޓްރީން ތަކުރާރުކޮށް އިލްތިމާސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މީގެކުރިންވެސް ވަނީ ބްރިޖާއި ގުޅުންހުރި މަގުތަކުގައި ތާރު އަޅަމުންދާތީ އެ ސަރަޙައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ތާރު އެޅުމުގެ ކުރިން ޖަހާ ކެމިކަލްގެ ސަބަބުން ޢާންމުންނަށް ގެއްލުންތަކެއް ލިބިދާނެތީ އެ ސަރަޙައްދަށް ދުއްވާ އެއްޗެހި ނުވަނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އެފަދައިން އިލްތިމާސްކުރި ނަމަވެސް ބައެއް ޢާއްމު ފަރާތްތަކުން އެ ސަރަޙައްދަށް ވަންނަމުންދާ ކަމަށެވެ. އަދި އެކަން ނުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ތާރު އެޅުމުގެ މަސައްކަތް ހުޅުމާލެ ފެރީ ޓާރމިނަލް ސަރަހައްދުން ފަށާފައިވާއިރު ސްޓޭޓް ބޭންކް އޮފް އިންޑިއާ އާ ހަމައަށް އެސްފޯލްޓް ކޮންކްރިޓް ބޭސް (އޭސީބީ)ގެ ފަށަލަ އަޅާފައިވާކަމަށާއި އެ ފަށަލައިގެ މަތިން ޢާއްމުން ނުހިނގުމަށާއި އުޅަނދުތައް ނުދުއްވުމަށްވެސް ހައުސިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ހައުސިން މިނިސްޓްރީން ބުނީ ތާރު އެޅުމުގެ ކުރިން ޖަހާ ކެމިކަލް ފެމެލީ ކޯޓާ ހަމައަށް ޖަހާފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ ސަރަޙައްދަކީ މީހުން ގިނައިން ދާ އަދި ކާބޯތަކެތި ވިއްކާ ތަންތަނާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ގިނަ ސަރަޙައްދަކަށްވުމުން އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ޢާންމުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މި ދަނޑިވަޅުގައި ހައުސިން މިނިސްޓްރީން ވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްފައެވެ.

ބްރިޖާއި ގުޅުންހުރި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތް ކުރަމުން އަންނަނީ ސިނަމާލެ ބްރިޖްގެ މަސައްކަތްވެސްކުރާ ކުންފުނި ކަމަށްވާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާރބަރ އިންޖިނިއަރިން އިންނެވެ.

ބުރިޖާއެކީ ތަރައްޤީ ކުރާ ރިންގް ރޯޑު މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާހަމައަށް ތާރުއަޅައިގެން ބޭރު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަގު ތަރައްޤީ ކުރަނީ ހަތަރު ލޭނަށް ދެކޮޅަށް ދުއްވޭ ގޮތަށެވެ. މީގެ އިތުރުން މަގުގެ ދުވާރު ފުޅާކޮށް 450 ހަށްވުރެ ގިނަ ގަސް މަގުގެ ދެފަރާތުގައި އިންދުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަގުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މާލެ ވަށައިގެން ފަސޭހަކަމާއެކު ވެހިކަލްތައް ދުއްވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.