 
					
									
			މިފަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ބާއްވާ ކެމްޕެއިން ޙަރަކާތްތައް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތި ކުރިއަށްދާތީ، އެކަމާ އުފާކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރ.ސީ.އެމްގެ ނާއިބު ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. 
ރިޔާސީ އިންތިޚާބަށް ޓްރެއިނަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.އާރ.ސީ.އެމްގެ ނާއިބު ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާވްކޮށް މޮނިޓަރކުރުމަށްޓަކާ އެކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް މީގެ 2 މަހެއްހާ ދުވަހުގެ ކުރިން ވާން ފަށާފައިވާކަމަށެވެ. އަދި އެޗް.އާރ.ސީ.އެމްއަކީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކާ އުފައްދާފައިވާ ކޮމިޝަންކަމަށްވެފައި، އިންތިޚާބުގެ ދުވަސްވަރާއި، އިންތިޚާބަށްފަހުވެސް ދެންހިނގާ ކަންކަން އެކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 
މިފަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ތަފާތު ކެމްޕެއިން ޙަރަކާތްތައް އެއްވެސް ހަމަނުޖެހުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރައވައި، ޒާހިދު ވިދާޅުވީ، އެއީ އެޗް.އާރ.ސީ.އެމުން އުފާކުރާ ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ކުރިއަށްގެންދާއިރު، އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމަކީ މުހިއްމު ކަމެއްކަމަށާއި، ސުލްޙަވެރިކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުން މުހިއްމުކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.  
		
			ޒާހިދު ވިދާޅުވިއެވެ. 
މީގެ އިތުރުން ޒާހިދު ވަނީ ރިޔާސީ އިންތިޚާބަށް ވޯޓުލާން ނިކުންނަށްއިރު ރައްޔިތުންނަށް ބޭނުންވާ ސައްޙަ މަޢުލޫމާތު ފޯރުކޮށްދެވިފައިވާކަން ކަށަވަރު ކުރުން މުހިއްމުކަން ފާހާގަކުރައްވާފައި. އަދި އެކަން ކުރުމުގައި އިލެކްޝަންސް ކޮމިޝަންގެ އިތުރުން، ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުންވެސް ޒިންމާދާރުކަމާއެކު އެބޭފުޅުންގެ މައްސޫލިއްޔަތު އަދާކޮށްދެއްވުމަށް އޭނާ ގޮވާލެއްވި.