ޚަބަރު

ފަލަސްތީނުގެ ދައުލަތަށް ކޮލަންބިޔާއިން އިޢުތިރާފްވި މައްސަލަ މުރާޖަޢާކުރަނީ


ފަލަސްތީނުން އިއުލާންކޮށްފައިވާ މިނިވަން ދައުލަތަށް ކޮލަންބިޔާއިން އިޢުތިރާފްވި މައްސަލަ އަލުން މުރާޖަޢާކުރުމަށް އެގައުމުގެ އައު ސަރުކާރުން ނިންމައިފިއެވެ. ކޮލަންބިޔާގެ އައު ސަރުކާރުން ބުނީ ކުރީގެ ރައީސް ހުއާން މެނުއެލް ސާންތޯސްގެ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކޮށްފައިވާތީ އެކަން ބެލުމަށްފަހު އަލުން ގޮތެއް ނިންމާނެކަމަށެވެ.

ކޮލަންބިޔާއަކީ ކުރިން ފަލަސްތީނުގެ މައްސަލައާ ދުރުގައި އޮންނަ ހަމައެކަނި އިސްރާއީލާ ގުޅުން ޤާއިމުކޮށްފައިވާ ޤައުމެއްނަމަވެސް މިދިޔަ ހަފުތާގައި މުއްދަތު ހަމަވެގެން ވެރިކަމުން ވަކިވެވަޑައިގެންނެވި ރައީސް ހުއާން މެނުއެލް ސާންތޯސްގެ ސަރުކާރުން ވަނީ އެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ފަލަސްތީނުގެ ދައުލަތަށް އިއްތިރާފުވެ އެކަން ފަލަސްތީނަށް ރަސްމީ ގޮތުން އަންގާފައެވެ.

ސެންޓޯސްގެ މަގާމުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސްކުރިން އޭނާގެ ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތަށް ކޮލަންބިޔާ ސަރުކާރުން އިޢުތިރާފުވެ، އެ ދައުލަތާ ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމުކުރުމަށް ރައީސް ނިންމަވާފައިވާކަމަށެވެ. އެ ބަޔާނުގައި، ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޙައްޤު އޮންނާނެކަން ކޮލަންބިޔާގެ ސަރުކާރުން ބަލައިގަންނަކަމަށާއި، ފަލަސްތީނުގެ ދައުލަތަށް އިއުތިރާފުވުމަކީ ކޮލަންބިޔާއަށް ލިބޭ ޝަރަފެއްކަމަށްވެސް ބަޔާންކޮށްފައިއޮތެވެ. ކޮލަންބިޔާގެ ކުރީގެ ރައީސް ސާންތޯސް ވެރިކަމުގައި އިސްރާއީލާއެކު ގުޅުންތައް ބޭއްވިނަމަވެސް، ފަލަސްތީނުގެ ޙައްޤުތަކަށް ތާއީދުކުރާކަން ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ސާންތޯސްގެ ސަރުކާރުން ހާމަކުރަމުންގެންދިޔައެވެ. އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލާ އެއް އިންވެގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަންޖެހޭކަން ބަޔާންކޮށް، 'ދެ ދައުލަތުގެ ހައްލަށް' ތާއީދުކުރާކަން ބަޔާންކުރިއެވެ.

އެހެންނަމަވެސް އެންމެފަހުން ކޮލަންބިޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކޮންޒަރވޭޓިވް ފިކުރުގެ ރައީސް އިވާން ދޫކޭ އަކީ މުޅިން ތަފާތު ފިކުރެއްގެ ބޭފުޅެކެވެ. ދޫކޭވަނީ ސާންތޯސްގެ ސަރުކާރުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފުވި މައްސަލަ އަލުން މުރާޖަޢާ ކުރައްވާނެކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ. ސާންތޯސްގެ ސަރުކާރުން ފަލަސްތީނުގެ ދައުލަތަށް އިއްތިރާފުވުމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ ކޯފާވެވަޑައިގެން ކޮލަންބިޔާގެ އައު ރައީސް އިވާން ދޫކޭއަށް ފޯނުން ގުޅުއްވައިޝަކުވާ ކުރައްވާފައެވެ. ދޫކޭ އަކީ އިސްރާއީލު ޕްރޮމޯޓްކޮށް ޙިމާޔަތްކުރަން މަސައްކަތްކުރާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ބޭފުޅަކަށްވާތީ ކޮލަންބިޔާގެ ކުރީ ސަރުކާރުގެ ނިންމުން ބަދަލުކުރުމަށް އިސްރާއީލާއި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން އޭނާއަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާކަމަށް ޚަބަރުތައް ބުނެއެވެ.

ފަލަސްތީނުން އިއުލާންކޮށްފައިވާ މިނިވަން ދައުލަތަށް މިހާތަނަށް 139 ޤައުމަކުން އިއުތިރާފްވެފައިވާއިރު މީގެތެރޭގައި ގިނައީ އޭޝިޔާ އާއި އެފްރިކާގެ ޤައުމުތަކެވެ. ފަލަސްތީނަށް އިއުތިރާފްނުވާ ޤައުމުތަކެވެ. ތެރޭގައި ގިނައީ ހުޅަނގު ޔޫރަޕްގެ ޤައުމުތަކެވެ. މީގެއިތުރުން އެމެރިކާއާއި އެމެރިކާގެ ކޮންޓްރޯލް އޮންނަ ކުދި ޤައުމުތަށްވެސް ވަނީ ފަލަސްތީނުގެ ދައުލަތަށް އިޢުތިރާފުވުމަށް ދެކޮޅު ހަދާފައެވެ.