މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އޭނާގެ ބޮލުގައި ރަންއަކުރުން ދެ ތަރި ފަވާލައިފިއެވެ. 
ޕްރެމިއާ ލީގު ހުޅުވަން ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ޔުނައިޓެޑް މޮޅުވި މެޗަށް އޭނާ ނުކުތީ މިފަދައިން އަމަލުކޮށްގެންނެވެ. މިއީ ރަޝިޔާގައި މިދިޔަ މަހު ނިމުނު ވަރލްޑް ކަޕް ފްރާންސް ކާމިޔާބު ކުރުމުގެ އުފަލުގައި އެ ކާމިޔާބީ ފާހަގަ ކުރުމަށް އޭނާގެ ބޮލަށް ގެނެސްފައިވާ ބަދަލެކެވެ. މި ދެ ތަރީގެ މާނަ އަކީ ފްރާންސް މިހާތަނަށް ދުނިޔޭގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައިވާކަން ބުނެދިނުމެވެ.
ވަރލްޑް ކަޕް ކާމިޔާބުކުރާ ކޮންމެ ޤައުމަކުން އެކަން ފާހަގަ ކުރުމަށް ތަށި ހޯދި އަދަދަށް ޖާޒީގެ ލޯގޯގެ މަތީގައި ތަރި ޖަހަ އެވެ. ފްރާންސް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ 2018 އާއި 1998ގަ އެވެ. 
ޕޮގްބާގެ އިތުރުން ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން ވެސް ވަނީ ރަންކުލައިން ހާއްސަ އަނގޮޓިއެއް ވެސް ހަދައިފައެވެ.