ޚަބަރު

އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭހަށް އޯޑަރުކޮށް ފައިސާދެއްކޭ ޚިދުމަތް ތައާރަފްކޮށްފި


އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކޭނެ ޚިދުމަތެއް ތައާރަފްކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހަފްލާއެއްގައި މިޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އޫރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ނަޖީބް ޚާން އާއި މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައޫމޫންއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ރާއްޖޭގައި އުރީދޫގެ ޚިދުމަތް ދޭން ފެށިފަހުން މިވީ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ ފަޞޭހަ އަދި ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނޭކަމަށެވެ. މިގޮތުން މޯލްޑިވް ގޭސްއާ ގުޅިގެން ފެށި މިޚިދުމަތާއެކު އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ފަޞޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އުރީދޫ އިން ރާއްޖޭގައި ހޭދަކޮށްފައިވާ ތޭރަ އަހަރު ތެރޭގައި، އަޅުގަނޑުމެން ވަނީ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި، ފުދުންތެރިކަން ގެނެސްދިނުމަށްޓަކައި ގިނަ އިންވެސްޓްމަންޓުތަކެއް ކޮށްފައި. މިގޮތުން، މިއަދު މޯލްޑިވް ގޭސް އާއި ގުޅިގެން ފެށުނު ތަފާތު ޚިދުމަތުގެ ސަބަބުން، ގޭސްފުޅި އަށް އޯޑަރު ކޮށް، ފައިސާ ދެއްކުމުގައި ފަސޭހަތަކެއް ލިބޭނެކަމަށް ޔަގީން ކުރަން" ނަޖީބް ޚާން ވިދާޅުވިއެެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތަކާއެކު ރަށްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ވެސް ކުރިއެރުން އަންނަން ޖެހޭ ކަމަށާއި، އުރީދޫގެ އެމްފައިސާ މެދުވެރިކޮށް އަލަށްފެށި މިޚިދުމަތުގެ ސަބަބުން މޯލްޑިވް ގޭހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބި، ވަގުތު ސަލާމަތްވެގެންދާނެކަމަށް މައުމޫން ވިދާޅުވިއެވެ.

"މިހާރު މިއީ ވަރަށް ބިޒީ ޒަމާނެއް. އެންމެންވެސް މިއުޅެނީ އަބަދުވެސް ކޮންމެވެސް ކަމެއްގައި، އުޅެމުންދާއިރުގައި ހަމަކޮށްލާ އެންމެ އެސް.އެމް.އެސްއަކުން މިގޮތަށް އޯޑަރ ޕްލޭސްކޮށްލުވުނީމަ އަޅުގަނޑު ދެކޭގޮތުގައި އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންނަށްވެސް އަދި ކަސްޓަމަރ ބޭސްއަށް ލިބިގެންދާ ވަރަށް ބޮޑު ހިންހަމަޖެހުމެއް." މައުމޫން ވިދާޅުވިއެވެ.

މިޚިދުމަތް ފެށުމާއެކު މިހާރު އުރީދޫގެ މޮބައިލް މަނީ، "އެމް-ފައިސާ" އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު، ކޮންމެތާކު ހުރެގެންވެސް މޯލްޑިވް ގޭސްގެ ޚިދުމަތްތަކަށް އޯޑަރ ކުރެވޭނެއެވެ. އަދި ގޭސް ފުޅިއަށް ފައިސާވެސް ދެއްކެވޭނެއެވެ. އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް، އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ބިލްތަކަށް ފައިސާ ދެއްކޭނެއެވެ. އެމްފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، އެކައުންޓަކުން ފައިސާގެ މުއާމަލާތް ފަސޭހަކަމާ އެކީ ކުރެވޭނެ ނިޒާމެކެވެ.