ޚަބަރު

ޤައުމުގެ އިގްތިޞާދީ ދުވެލި ކުރި އެރުވޭނީ ޒުވާނުންގެ ހަކަތައިން ފައިދާ ލިބިގެންް - ހުކުރު ޚުތުބާ


އިޖުތިމާއީ އަދާލަތު ޤާއިމްކޮށް، ޤައުމުގެ އިޤްތިޞާދީ ދުވެލި ކުރިއަށް ގެންދެވޭނީ، ޒުވާނުންގެ ހަކަތައިން ފައިދާ ލިބިގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޤަޢުމު ބިނާކުރުމުގައި ޒުވާނުންގެ ދަޢުރުގެ މައްޗަށް އަލި އަޅުވާލި ހުކުރު ޚުތުބާގައި ބުނެފައިވަނީ ޤައުމެއްގެ ކުރިއެރުމާއި ސަލާމަތްތެރިކަން އޮތީ ޒުވާނުންނަށް އަޅާލެވުނު މިންވަރަކުން ކަމަށާއި، އިޖުތިމާއީ އަދާލަތު ޤާއިމުކުރެވޭނީ ޒުވާނުންގެ ހަކަތައިން ފައިދާ ލިބިގެން ކަމަށެވެ.

ޒުވާނުންގެ ޝިއާރަކީ މިނިވަން ކަމާއެކު އެމީހުންގެ ޚިޔާލު ފާޅުކުރެވޭނެ އަމާން މާހައުލެއް ތަނަވަސް ކޮށްދިނުންކަމަށާއި، އެގޮތުން ޒުވާންކަމުގެ އެންމެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ހަރުދަނާ އަޒުމާއި، ސާބިތު ހިތްވަރާއި، ހިންމަތްތެރިކަމާއެކު މަސައްކަތް ކުރުން ހިމެނޭ ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ދިވެހި ޤައުމު އެދިއެދި އޮތީ ހަރުދާނާ، ވިސްނުން ތޫނު، ޤާބިލު ޒުވާނުންނަށް ކަމަށާއި، އެހެން ކަމުން ޤައުމު ބިނާކުރުމަށް، ހަރުދަނާ ޒުވާން ޖީލެއްގެ ދައުރު މުހިއްމުކަމަށްވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. އެހެން ކަމުން ޒުވާނުންނަށް ލިބިފައިވާ ހަކަތާއާއި ހުނަރު ބޭނުން ކޮށްގެން ޤައުމު ކުރިއެރުވުމަށް މަސައްކަތްކުރުމަށް ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައެވެ.