ޚަބަރު

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓުގެ ފޯމް އިލެކްޝަނުން ޤަބޫލެއް ނުކުރި


ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅި ޙުސެއިން ނަޞީރުގެ ފޯމް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޙުސެއިން ނަޞީރު، ދަފްތަރު ނަމްބަރު 6562، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ފޯމް ބަލައިނުގަތުމަށް ނިންމާފައިވަނީ، އެ ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުގެ މަޢުލޫމާތު ސައްޙަ ނުވުމުގެ ސަބަބުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ފޯމް ހުށަހެޅި ޙުސެއިން ނަޞީރުގެ ރަނިންގމޭޓެއްގެ ގޮތުގައި ހުށައަޅާފައިވަނީ ޝައިޚް ނަސްރުﷲ މުސްތަފާއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހަވީރު 4:00 ހަމަވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމް ހުށަހަޅާފައިވަނީ، މިހާރު ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރާއި، އެލް.ޖީ.އޭގެ ކުރީގެ ނާއިބުރައީސް ޝުޖާޢު ޙުސެއިންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.