ޚަބަރު

ސަރުކާރުން ތަރައްޤީއަށް ކުރާ މަސައްކަތަށް އދގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ތަޢުރީފް ކުރައްވައިފި


މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް އދގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް މިރޮސްލޮފް ޖެންކާ ތަޢުރީފް ކުރައްވައިފިއެވެ.

އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިކަމަށް ތަޢުރީފް ކުރައްވާފައިވަނީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި އޭނާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްވެސް ތަޢުރީފު ކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި އދ އާ ދެމެދު އޮންން ގުޅުން ބަދަހިވަމުންދާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ދެއްކެވި ވާހަކަފުޅުގައި ކުރިއަށްއޮތް ރިޔާސީ އިންތިޙާބުގެ ކަންތައްތައް އެންމެ ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ގޮތުން އދ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ދިވެހި ސަރުކާރުން ކުރަމުންދާކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތަކާ، އދގެ އެހެނިހެން ލަޑުދަނޑިތައް ހާސިލްކުރުމުގައި ދިވެހި ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ޙާއްސަކޮށް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އެއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއީ އދގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.