ޚަބަރު

ޗައިނާ އާސިއާން އެކްސްޕޯ ޓުއަރިޒަމް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ޗައިނާ އާސިއާން އެކްސްޕޯ ޓުއަރިޒަމް އެގްޒިބިޝަން، ސައެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ހުޅުވާލައިފިއެވެ.

މި އެގްޒިބިޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 14ގެ ކުރިން މިކަމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުޞަތު އެމްއެމްޕީއާރުސީން ވަނީ ހުޅުވާލާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ރިސޯޓު، ހޮޓާ، ގެސްޓްހައުސް، ސަޕާރީ، ވޯޓަރ ސްޕޯޓްސް ހިދުމަތް ދޭ ފަރާތްތަކާއި ޓްރެވަލް އެޖެންޓުންނާ ޓުއަރ އޮޕަރޭޓަރުންނަށް މިފެއަރގައި ބައިވެރިވެވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ފެއަރގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1060 ޑޮލަރު ނެގުމަށް ހަމަޖެހިފައިވެއެވެ.

ސައެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 26-28ހަށް ޗައިނާގެ ގުއާޝީގެ ގިއިލިން އިންޓަރނޭޝަންސް ކޮންފަރެންސް އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލާ، ނެޓްވޯކްކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ އެގްޒިބިޝަނެކެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަންޒިލެވެ. އެގޮތުން 2017 ވަނަ އަހަރު އެކަނިވެސް ޗައިނާއިން ރާއްޖެއަށް ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.