ޚަބަރު

ސިޔާސީ ހަރަކާތްތައް ޤާނޫނީ އިމުގެ ތެރޭގައި ބޭއްވުމަށް އިލްތިމާސްކޮށްފި


ރިޔާސީ އިންތިޚާބާގުޅިގެން ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދުހޯދުމުގެ ގޮތުން ބާއްވާ ސިޔާސީ ހަރަކާތްތައް ޤާނޫނާއި، ޚުދޫދުގެ ތެރޭގައި ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފިއެވެ.

މިކަމާގުޅޭގޮތުން އެކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ޖަލުގައި ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ސިޔާސީ ޕާޓީއާއި ޖަމްޢިއްޔާތަކަށް އާއްމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްޢޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤު ޙުކުމެއް ތަންފީޒުކުރުމަށްޓަކާ ޖަލުގައި ބަންދުކުރެވިފައިވާ މުއްދަތުގައި ލިބިގެންނުވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިނުވާ ނަންތަކެއް، ޕާޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުންދާތީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން ރަޖިސްޓްރީ ކޮށްފައިނުވާ ނަމެއް ބޭނުންކޮށްގެން ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސިޔާސީ ޕާޓީއަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި އެހެން ސިޔާސޯ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުން ނުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއަކުން ޖަލްސާތަކުގައާއު ތާއީދު ހޯދުމަށްޓަކާ ބާއްވާ ކެމްޕެއިން ހަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން، އެޕާޓީއެއްގެ ހުއްދައާއެކު ނޫންގޮތަކަށް ބޭނުން ނުކުރުމަށްވެސް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން ނެރެނު ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.