ޚަބަރު

ރާއްޖޭގައި ފުރަތަމަފަހަރަށް ބައިޕާސް އޮޕަރޭޝަނެއް ކޮށްފި


ރާއްޖޭގައި ފުރަތަމަފަހަރަށް ބައިޕާސް އޮޕަރޭޝަނެއް ކޮށްފިއެވެ. އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ނުވަގަޑިއިރަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ނިންމާލާފައިވަނީ ކާމިޔާބުކަމާއިއެކުކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި އޮޕަރޭޝަނާއިގުޅޭ މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ ރާއްޖޭގައި އަލަށް ތަޖުރިބާކުރި މި އޮޕަރޭޝަން ކުރުމަށް ބޮޑެތި ތައްޔާރީތައް އެހޮސްޕިޓަލުން ވެފައިވާކަމަށެވެ. އެގޮތުން މިއީ މީހެއްގެ ފުރާނައާ ގުޅުންހުރި ކަމަކަށްވުމާއި، މި އޮޕްރޭޝަނަކީ ރާއްޖޭގައި މުޅިން އަލަށް ކުރާކަމަކަށް ވުމުން ގިނަ ތަޙުލީލުތަކެއްކޮށް، ކަމުގެ މާހިރުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުރި ފުރަތަމަ ބައިޕާސް އޮޕަރޭޝަންކޮށްފައި ވަނީ ޢުމުރުން ފަންސާސް ހަތަރު އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އަފްޢާލް ވިދާޅުވީ ރާއްޖޭގައި މިފަދަ އޮޕަރޭޝަންތައް ކުރެވެން ފެށުމުން ދޭހަވަނީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ރައްޔިތުން ކުރަމުންދާ އިތުބާރުކަމަށެވެ.
"މިފަދަ ބޮޑު އޮޕަރޭޝަންތައް ކުރުމަށް އިންޝުއަރެންސް ޕޮލިސީގެ ތެރެއިން އެޑީކޭއިން ގެންދަނީ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެމުން،" އަފްޢާލް ވިދާޅުވިއެވެ.

ބައިޕާސް އޮޕަރޭޝަނަކީ ހިތަށް ލޭފޮނުވައިދޭ ނާރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ހަށިގަނޑުގެ އެހެން ދިމާލަކުން ނާރު ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮސީޖާއެކެވެ. އޭޑީކޭއިން ގެންދަނީ ހިތުގެ ބަލީގެ ގިނަފަރުވާތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް ފަންސާސްހަ އެންޖީއޯ ގްރަފީއާއި ސާދަ އެންޖީއޯ ޕްލާސްޓީ ހަދާފައިވެއެވެ.

ރާއްޖޭގެ ސިއްޙީދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަފަރާތްތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު، ރައީސް ޔާމީންގެ ސަރުކާރުންވަނީ ވޭރުވެދިޔަ ހަތަރުއަހަރާއި ބައިގެތެރޭގައި ރާއްޖޭގެ ސިއްޙީދާއިރާއަށް އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ބޮޑެތި ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމު އަލަށް ހަމަޖައްސަވައި، ހިތާއި ފުއްޕާމެއާއި، ކިޑްނީގެ ބަލިތަކަށް ރާއްޖޭގައި ފަރުވާދެނޭވެ ނިޒާމް ރާއްޖޭގައިވަނީ ހަމަޖައްސާފައެވެ. އެގޮތުން އެތަނުގައި ޤާއިމުކޮށްފައިވާ ކެތްލެބަކީ ފާހަގަކޮށްލެވޭ މުހިންމު ތަނެކެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 25ބުރީގެ ޢިމާރާތާއެކު ރާއްޖެ ސިއްޙީ ޚިދުމަތް ސަރަޙައްދީ ފެންވަރަށްވުރެ މައްޗަށް ދާނެކަން ފާހަގަކޮށްލަންޖެހެއެވެ.