ޚަބަރު

ރައީސް ޔާމީން، އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކާ ސަރުކާރުގެ ފަރާތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔާޤީންކަން ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އދ. އަށް ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯރ ޕޮލިޓިކަލް އެފެއާޒް މިރޮސްލަވް ޖެންކާ އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގެ ތެރެއިންނެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދައްލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކާ ސަރުކާރުން ފަރާތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔާޤީންކަން އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލަށް ދެއްވާފައެވެ. އަދި ދިވެހި ރާއްޖެއާއި، އދ. އާއި ދެމެދު އުފެދިފައިވާ ގާތްގުޅުން، އެގޮތުގައި ދެމެހެއްޓުމަށްޓަކާ ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކާ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ޒަޢާމަތުގައި ތަރައްޤީއާއި، އިޤްތިޞާދީ ރޮނގުން ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ، އެކަންކަމަށް އެމަނިކުފާނު ވަނީ ތަޢުރީފުކޮށްފައެވެ.