ކުޅިވަރު

ކެޕާ ގަތުމަށްފަހު، ކޯޓުއާ ރެއާލްއަށް ވިއްކާލަން ޗެލްސީ އެއްބަސްވެއްޖެ


ރެކޯޑް އަގެއްގައި ސްޕެއިންގެ ދެވަނަ ކީޕަރު ކެޕާ ގަތުމަށްފަހު، ބެލްޖިއަމްގެ އެއްވަނަ ކީޕަރު ކޯޓުއާ ރެއާލްމެޑްރިޑަށް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެއެވެ.

ޗެލްސީން ކޯޓުއާ ވިއްކާލަން އެއްބަސްވީ އެތްލެޓިކޯ ބިލްބާއޯއަށް ކުޅެމުން އައި ޒުވާން ކީޕަރު ކެޕާގެ ޓްރާންސްފަރ ހަމަޖެހި 80 މިލިއަން ޔޫރޯއަށް ގަތުމަށްފަހުއެވެ. ނަމަވެސް ވަރލްޑްކަޕްގެ އެންމެ މޮޅު ކީޕަރު ރެއާލްއަށް ވިއްކާލީ 35 މިލިއަން ޔޫރޯއަށެވެ. މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން ރެއާލްގެ ކޮރޭޝިޔާ މިޑްފީލްޑަރ މަޓެއޯ ކޮވަސިޗްވެސް ރެއާލްއިން ވަނީ ޗެލްސީއަށް ދޫކޮށްލާފައެވެ. ނަމަވެސް ޒުވާން މިޑްފީލްޑަރ ދޫކޮށްލީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯރޓްތައް ބުނާގޮތުން 26 އަހަރުގެ ކޯޓުއާ ރެއާލްއާއެކު ހަދަނީ 6 އަހަރުގެ އެއްބަސްވުމެކެވެ.

2011 އަހަރު ޗެލްސީއަށް ބަދަލުވެ، ކޯޓުވާ ވަނީ އެކްލަބަށް 154 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން ބައިކޮޅަށް ގޯލެއް ވައްދާނުލާ ނިންމާލެވުނީ 58 މެޗެވެ. 20111-2014 އަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކޯޓުއާ ހޭދަކުރީ އެތްލެޓިކޯމެޑްރިޑްގައެވެ. ބެލްޖިއަމް ޤައުމީ ޓީމަށް 65 މެޗު ކުޅެފައިވާ ކީޕަރު އެންމެ ފަހުން އޮތް ޗެލްސީގެ ދެ ޕްރެކްޓިސްގައިވެސް ބައިވެރިއެއްނުވެއެވެ.

ރެއާލްއިން ކޯޓުއާ ގެންދަން ނިންމިއިރު އެޓީމްގެ ގޯލް މިހާރު ބަލަހައްޓަނީ ކޮސްޓަރިކާގެ އެއްވަނަ ކީޕަރު ކޭލާ ނަވާސްއެވެ.