ޚަބަރު

ގއ. ވިލިނގިލީ ހައުސިންގ ޔުނިޓުތައް ރައީސް ޔާމީން ހުޅުވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، އެރަށުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުވައިދެއްވައިފިއެވެ.

މިއަދު ހަވީރު ވިލިނގިލީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2013 ވަނައަހަރު ކުރިން ހިނގާދިޔަ ހުރިހާ ވެރިކަމެއްގައި ވިލިނގިލީގައި ހިންގާފައިވަނީ އެންމެ 18 މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށެވެ. ނަމަވެސް މިސަރުކާރުން އެރަށުގައި 425.7 މިލިއަން ރުފިޔާގެ މަޝްރޫޢު ހިންގާފައިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވިލިނގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހެދުމަށް 2015 ވަނަ އަހަރު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނަށެވެ. އެކުންފުނިން މި މަސައްކަތް ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަވާލުކޮށްފައިވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ ތެރެއިން ވިލިނގިލީގެ 15 މަގެއްގައި ވަނީ ތާރުއަޅާ ކޭބަލް ޖަންކްޝަނާއެކު ހޮޅިވަޅުލައި ފެންހިންދާ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. މިއީ ސަރުކާރުން 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާފައިވާ މަޝްރޫއެކެވެ.

ވިލިނގިލީ މަގުތަކުގެ މަޝްރޫއުގެ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުން 2011ވަނަ އަހަރު ހަދަންފެށި ހައުސިންގ ޔުނިޓުތައްވެސް ހުޅުވައިދެއްވާފައެވެ. މިއީ ޗައިނާ ނެޝަނަލް މެޝިނަރީ އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން ދެވަނަ ފިޔަވަހީގެ ދަށުން ހިންގާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާފައިވަނީ 2017 ވަނަ އަހަރުއެވެ. މި މަސައްކަތަށް ސަތޭކަ ފަންސާސް މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި މިއަދު ވަނީ ކޮނޑޭގެ ބަނދަރާއި، ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތްވެސް އިފްތިތާޙްކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މާދަމާ ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.