ޚަބަރު

ޝަރީޢަތް ކުރުމާގުޅޭ ޖިނާޢީ އިޖުރާއަތުގެ ޤަވާޢިދު ޝާއިޢުކޮށްފި


ޖިނާޢީ އިޖްރާއަތުގެ ޤާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭ ގޮތުން އެކުލަވާލި ޤަވާއިދުތަކަށް ޢަމަލުކުރަން ފަށައިފިއެވެ.

ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލަވާލި މި ޤަވާޢިދުގައި، ވަނީ ޖިނާޢީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، އެފަދަ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތަކާއި، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާއި، ކަފާލާތުގެ ދަށުން މީހުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުސޫލުތަކާއި، ހޭބިއަސް ކޯޕަސް އަމުރު ނެރުމާގުޅޭ އުސޫލުތައްވެސް ހިމަނާފައެވެ.

އަދި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާ ގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްވެސް މި ޤަވާއިދުގައި ވަނީ ހިމަނާފައެވެ.

މި ގަވާއިދު ބުނާ ގޮތުން ކޯޓު އަމުރު ނެރޭނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އަދި އެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުންނާއި އަމުރު ދޫކުރުމަށް އެ ފަނޑިޔާރުންނަށް ޚާއްޞަ ކޮށްފައިވާ ދުވަސްތައް އެނގޭނެ ތާވަލެއް ހެދުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ކޯޓުތަކުން އަންގަން ޖެހޭނެ ކަމަށް ޤަވާއިދުގައި ވަނީ ބުނެފައެވެ.

ގާނޫނާ ޚިލާފަށް މީހަކު ބަންދުކޮށްފައިވާކަމަށް ދެކޭނަމަ، އެ މީހަކު ބަންދުން މިނިވަން ކުރުމަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު، ބަންދުގައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކަށް ވެސް އޮންނާނެ ކަމަށްވެސް ޤަވާއިދުގައި ވަނީ ހިމަނާފައެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ކަނޑައަޅައި، ވީ އެންމެ އަވަހަށް އެ މައްސަލައެއްގައި ގޮތެއް ނިންމަން އެ ޤަވާއިދުގައި ލާޒިމްކުރެއެވެ.

މީގެ އިތުރުން އެ ޤަވާއިދުގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުގައި ހުރި މީހަކު ޝަރުޠުކޮށްފައި ބަންދުން ދޫކުރާ އިރު، ކަނޑައަޅާ މުއްދަތު 100 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެ ކަމަށެވެ.

މި ޤަވާއިދަށް ޢަމަލުކުރަން ފެށި ނަމަވެސް، ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުން ބަލާ މައްސަލަތަކުގެ ބާވަތުން އެ ދެ ކޯޓަށް ޚާއްޞަ ކުރެވިފައިވާ އިޖްރާއަތްތަކަށް ވަނީ އިސްތިސްނާ ދީފައެވެ. ރާއްޖޭގެ ޢަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނައި، ޖިނާއީ އިޖުރާއަތުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލި ޤަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.