ޚަބަރު

ޕަބްލިކް ސަރވިސް މިޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙްކޮށްފި


ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އެމްއެމްއައި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

އެމްއެމްއައި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ. އެމްއެމްއައިއަކީ މީޑިއާގެ ދާއިރާއަށާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ޤާއިމުކޮށް 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޓްރޭނިންގ އިންސްޓިޓިއުޓެކެވެ.

މިއީ ރާއްޖޭގެ ތާރީޚްގައި މީޑިއާގެ ދާއިރާގެ ތަމްރީނާއި ތައުލީމު އުނގަންނައިދިނުމަށް ޚާއްޞަކޮށްގެން ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ޓްރެއިނިންގ އިންސްޓިޓިއުޓެވެ. މީޑިއާ އިންސްޓިޓިއުޓުގެ ގޮތުގައި އެމްއެމްއައި އިން ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި، ކޯސްތައް ފަށާފައިވާއިރު، މިއަދު މިއިންސްޓިޓިއުޓް ހުޅުވާފައިވަނީ، ކޯސްތަކާއި ތަމްރީނުތައް ހިންގުމަށް ޚާއްސަ ކެމްޕަހަކާއެކުއެވެ. އެމްއެމްއައިގެ ކެމްޕަސް ޤާއިމްކޮށްފައިވަނީ ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގ ގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ދިވެހިންގެ ތެރެއިން އެކި ފަންނުތަކުން ކުރިއަރަން ބޭނުންވާ މީހުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ބޭނުންވާ ޒަމާނީ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެގޮތުން ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން އުފެއްދި މީޑިއާ އިންސްޓިޓިއުޓަކީ ސަރުކާރުގެ އަމާޒުތަކަށް ވާސިލުވުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، އެމްއެމްއައިގެ ކޯސްތަކަށް ބަލާލާއިރު، ހަމައެކަނި މީޑިއާ ދާއިރާގެ ކޯސްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދެވިދާނެ ފަދަ މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމްތައްވެސް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީޑިއާ އިންސްޓިޓިއުޓެއްގެ ގޮތުގައި ނަންކީމަ ގިނަފަހަރު މިހީވަނީ ޖާނަލިސްޓުން ތަމްރީނުކުރާ ތަނެކޭ. އެކަމު އަޅުގަނޑު މިކޯސްތަކަށް ބަލާލީމަ މިއެނގުނީ ހަގީގަތުގައި މިތަނުން ރާއްޖޭގެ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބައެއް ކަހަލަ ތަމްރީނުތައްވެސް މިތަނުން ރާވާފައިވާކަން. މިސާލަކަށް ކްރިއޭޓިވްއާޓާއި، އެޑްވަޓައިޒިން ފަދަ ކޯސްތައް ފުރިހަމަކޮށް ރިސޯޓްތަކުގައި ހުރި މިފަދަ ވަޒީފާތަކަށް ކުރިމަތިލެވޭނެ" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

"
"މީޑިއާ އިންސްޓިޓިއުޓެއްގެ ގޮތުގައި ނަންކީމަ ގިނަފަހަރު މިހީވަނީ ޖާނަލިސްޓުން ތަމްރީނުކުރާ ތަނެކޭ. އެކަމު އަޅުގަނޑު މިކޯސްތަކަށް ބަލާލީމަ މިއެނގުނީ ހަގީގަތުގައި މިތަނުން ރާއްޖޭގެ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބައެއް ކަހަލަ ތަމްރީނުތައްވެސް މިތަނުން ރާވާފައިވާކަން. މިސާލަކަށް ކްރިއޭޓިވްއާޓާއި، އެޑްވަޓައިޒިން ފަދަ ކޯސްތައް ފުރިހަމަކޮށް ރިސޯޓްތަކުގައި ހުރި މިފަދަ ވަޒީފާތަކަށް ކުރިމަތިލެވޭނެ"
ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، މީޑިއާގެ ދާއިރާގެ މީހުން ތަމްރީން ކުރުމާއި، އެދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަތީ ތައުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.

އަދި ސަރުކާރުން ޚާއްޞަކޮށް ރައީސް ޢަބްދުﷲ ޔާމީންވެސް މިކަމަށް ބާރުއަޅުއްވާކަމަށާއި، ޕީއެސްއެމްގެ ޤާނޫނުގައިވާގޮތުގެ މަތިން ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އުފެއްދި މިއިންސްޓިޓިއުޓަކީ މިއަދު ރާއްޖޭގައި މިދާއިރާއިން ކިޔަވައިދޭން ހުރި އެންމެ ފަހި އަދި އެންމެ ރަނގަޅު ފުރުޞަތު އޮތްތަންކަން އިކްރާމް ފާހަގަކުރެއްވިއެވެ.

"މިއަދު ރަސްމީގޮތުން މިތަން ހުޅުވޭއިރު މިތަނަކީ މިއީ އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި މިވަގުތު ހުރި ކޮލެޖް ޔުނިވަރސިޓީތަކުގެ ތެރެއިން ކިޔަވައިދޭން އެންމެ ރަނގަޅު، އެންމެ ފަހި އެންމެ ރަނގަޅު ފުރުސަތުތަކަށް ވެގެންދާނެ. ކްލާސްރޫމްތަކުގެ ގޮތުންވެސް އިމާރާތުގެ ގޮތުންވެސް، ބޭނުންކުރެވޭ ތަނުގެ ގޮތުންވެސް ރާއްޖޭގައި މަތީ ތައުލީމުދޭ، އަދި މިބާވަތުގެ ފަންނީ ކޯސްތައް ހިންގާ އެންމެ ރަނގަޅު އެންމެ ފަހި މަރުކަޒަށް މިމަރުކަޒުވެގެންދާނެ" އިކްރާމް ވިދާޅުވިއެވެ.

"
"މިއަދު ރަސްމީގޮތުން މިތަން ހުޅުވޭއިރު މިތަނަކީ މިއީ އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި މިވަގުތު ހުރި ކޮލެޖް ޔުނިވަރސިޓީތަކުގެ ތެރެއިން ކިޔަވައިދޭން އެންމެ ރަނގަޅު، އެންމެ ފަހި އެންމެ ރަނގަޅު ފުރުސަތުތަކަށް ވެގެންދާނެ. ކްލާސްރޫމްތަކުގެ ގޮތުންވެސް އިމާރާތުގެ ގޮތުންވެސް، ބޭނުންކުރެވޭ ތަނުގެ ގޮތުންވެސް ރާއްޖޭގައި މަތީ ތައުލީމުދޭ، އަދި މިބާވަތުގެ ފަންނީ ކޯސްތައް ހިންގާ އެންމެ ރަނގަޅު އެންމެ ފަހި މަރުކަޒަށް މިމަރުކަޒުވެގެންދާނެ"
ޕީއެސްއެމްގެ ޑީއެމްޑީ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް

ކްރިއޭޓިވް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީކަމަށްވާ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ އިންޓަރނޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަން އެމްއެމްއައި އިން ތައްޔާރުވެފައިވާއިރު، އެމްއެމްއައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލިމްކޮކްވިންގ ޔުނިވަރސިޓީގެ އިސްވަފުދެއް ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ލިމްކޮކްވިންގ ޔުނިވަރސިޓީއާއި އެޔުނިވަރސިޓީން ރާއްޖޭގައި ހިންގާ ކޯސްތަކާއި ގުޅޭގޮތުން އެ ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް ޓިފަނީ މަރީ ލިމް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި އެޔުނިވަރސިޓީގެ ކޯސްތަކާއި ތަމްރީނުތައް ކުރިއަށް ގެންދާކަމަށާއި، ރާއްޖޭގައި ކޯސްތައް ހިންގަން ފުރުޞަތު ލިބުމަކީ އުފާކުރާކަމެއްކަމަށެވެ. އަަދި އެމްއެމްއައިގައި ހިންގާ ކޯސްތަކުގެ ސަބަބުން ހުނަރުވެރި ޤާބިލު މީހުން ތަމްރީނު ކުރެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އެމްއެމްއައި އާއި ޚާއްޞަކޮށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖްމަންޓުން ދޭ އެއްބާރުލުން، މަރީ ލިމް ފާހަގަކުރެއްވިއެވެ.

އެމްއެމްއައިން މިހާރުވެސް މީޑިއާއާއި ޓްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްގެ ކޯސްތައް ހިންގަމުން އަންނައިރު، ލިމްކޮކްވިންގ ޔުނިވަރސީޓީގެ ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވަލްގެ ކޯސްތައް ފެށުމަށް ދަނީ ތައްޔާރުވަމުނެވެ.