ޚަބަރު

ސިއްޙީ ދާއިރާއަށް ކުރީގެ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލިވެފައި - ރައީސް ޔާމީން


ކުރީގެ ހުރިހާ ސަރުކާރުތަކުންވެސް ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅުގެ ހަތަރު ރަށެއްގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫޢުތަކެއް އިފްތިތާހްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރު ތަކުން ރާއްޖޭގެ ސިއްޚީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އެ ދާއިރާއަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދީފައިވާނެކަމަށެވެ.

"ރައްޔިތުންނަށް އެންމެ ބޮޑު ބޭނުމެއް ޖެހިފައިވާ އެއް ކަމަކީ ރަނގަޅު ސިއްޙީ ނިޒާމެއް އޮތުން. ނަމަވެސް ކުރީގެ ސަރުކާރުތަކުންވަނީ އެ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައި. އަޅުގަނޑުގެ ސަރުކާރުން ސިއްޚީ ދާއިރާއަށް ދޭ އަހަމިއްޔަތުކަން އިތުރު ތަފްސީލަކަށް ނުދިޔަޔަސް އެއޮތީ ފެންނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ކުރީގެ ސަރުކާރުތަކުން ކޮށްދީފައިވާ ކޮންމެ ކަމެއްގެ ބަދަލުގައި އެމަނިކުފާނުގެ ސަރުކާރުރުން ހަ ކަންތައް ކޮށްދެއްވާފައިވާކަމަށެވެ.

"މި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ނުކުރާ ހަމަ އެއްވެސް ރަށެއްނޯންނެ. ކުރީގެ ސަރުކާރު ތަކުން ތަރައްޤީއަށް ކޮށްދެއްވި ކޮންމެ ކަމަކަށް މި ސަރުކާރުން އޮންނާނީ ހަ ކަންތައް ކޮށްދީފައިި،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށްރަށަށް ލިބޭ އާމްދަނީން އެރަށަކަށް ބޭނުންވާ ހުރިހާކަމެއް ފުދިގެންނުދާނެ ކަމަށާއި، އަދުގެ ސަރުކާރު އޮތީ އެފަދަ ބޭނުންތައް ފުރިހަމަކޮށްދިނުމަށްފަހު، ރާއްޖެއަށް ތަރައްޤީ ގެނެސްދޭން ތައްޔާރަށް ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު، އިޤްތިޞާދީގޮތުން ރާއްޖެ އޮތް ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްޚީ ދާއިރާ ކޮޅަށް ޖެހުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ތިބެގެން ރައްޔިތުންނަށް ބޮޑެތި ބަލިތަކަށް، އަގުހެޔޮކޮށް ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ތަރައްޤީ ކުރަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫޢުއަކީ މިހާރު ރާއްޖޭގައި ކުރިއަށްދާ ސިއްޙީ ދާއިރާގެ އެންމެ ބިޔަ މަޝްރޫޢެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ޤާއިމް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.