ޚަބަރު

މަސްވެރިންނަށް ޚާއްޞަ ފަންޑެއް ޤާއިމް ކޮށްދޭނަން- ރައީސް ޔާމީން


މަސްވެރިންނަށް ދިމާވާ ފައިސާގެ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ޚާއްޞަ ފަންޑެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މި ފަންޑު ޤާއިމް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯއާ ދެމެދު ވާހަކަދެކެވި، ސަތޭކަ މިލިއަން ރުފިޔާގެ ފަންޑެއް ޤާއިމް ކުރުމަށް ނިންމާފައިވާކަމަށެވެ. ރައީސް ވިދާޅުވީ މި ފަންޑު ޤާއިމް ކުރެވުމުން މަސްވެރިން ބާނާ މަހައް ފައިސާ ލިބުމުގައި ލަސްވުމާއި ފައިސާ ނުލިބުމުގެ މަސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މަޝްރޫއެއްގެ ވާހަކަ ދައްކަވަނީ އެ މަޝްރޫއެއް ރާވާފައި އޮތުމުން ކަމަށާ، ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަ އެމްޕްލޯއީމަންޓް ބެނިފިޓް ސްކީމްގެ ވާހަކަ މީގެ ކުރިން ދެއްކީވެސް އެ މަޝްރޫޢު ރާވާ ފެށުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާތީކަމަށެވެ. އަދި މި ނޫންވެސް މިފަދަ މަޝްރޫޢުތަކަކީ ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން ލިބުމުން އިއުލާން ކޮށްފައިވާ މަޝްރޫޢުތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެފައިވާ ވަޢުދުތަކަކީ ފުއްދޭނެ ވަޢުދުތަކެއްކަން ރައްޔިތުންނަށް އެނގޭނެކަމަށާ، މިހާރު އިޢުލާން ކުރައްވާފައިވަނީ މަޝްރޫޢުތަކަކީވެސް ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އޮތް މަޝްރޫޢުތަކެއް ކަމަށެވެ.