ޚަބަރު

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކީ މި ސަރަޙައްދުގައިވެސް ހިންގާ އެންމެ ބިޔަ މަޝްރޫޢު - ޖަނާހް


ރާއްޖޭގައި މިހާރު ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުރުމުގެ މަޝްރޫއަކީ ރާއްޖެ ހިމެނޭ ސަރަޙައްދުގައިވެސް ކުރިއަށްގެންދާ މިފަދަ އެންމެ ބިޔަ މަޝްރޫޢުކަމަށް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ މުޙައްމަދު ޢަލީ ޖަނާހް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިކޮށްގެން ޕީއެސްއެމްއިން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަން "މައި ނޭޝަން، މައި ފިއުޗަރ" ޕެނަލް ޑިސްލަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ އިޤްތިޞާދާއި، ތަރައްޤީގެ މަގުގައި ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކާއި ގުޅޭގޮތުން ތައްޔާރުކޮށް ގެނެސްދެމުންދާ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ، އަދި މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑުގެ ޗެއަރަމަން ކަމާއި ހޮޓެލްސް އެންޑް ރިސޯޓު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން ކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު ޑިރެކްޓަރެއްގެ މަޤާމުވެސް މިވަގުތު އަދާކުރައްވަމުން ގެންދަވާ މުޙައްމަދު ޢަލީ ޖަނާހު ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މި މަޝްރޫޢަކީ ސިންގަޕޫރުފަދަ ޤައުމުތަކުގައި ރައްޔިތުންގެ ދިރިއުޅުން ފުރިހަމަކޮށްދިނުމަށް މަޝްރޫޢުތައް ހިންގާ ގޮތަށް ބަލައިގެން ހިންގާ މަޝްރޫޢުތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ތަރައްޤީވެފައިވާ ޤައުމުތައް މޮޑެލަކަށް ބެލުމަކީ އެކަންކަން ކޮޕީ ކުރުން ނޫންކަމަށާއި، މިއީ ދުރު މުސްތަޤްބަލަށް ޤައުމު ބިނާކުރުމަށް ފިޔަވަޅު އަޅަންވީގޮތް ދެނެގަތުމަށް ކުރާ ކަމެއްކަމަށެވެ. އަދި މި ސަރުކާރުން އިޢުލާންކޮށްފައިވާ ހައުސިންގް ސްކީމްތަކަކީ ކުރިމަޤަށްބަލާނަމަ ކޮންމެ ފަރުދަކަށްވެސް ފައިދާވާނެ ސްކީމްތަކެއްކަމަށް ޖަނާހް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު "ހިޔާ" މި ސަރުކާރުން ވަނީ ފަށާފައެވެ. މިމަޝްރޫޢުގެދަށުން އެއްލަކަށްވުރެ ބޮޑު އާބާދީއަކަށް ޢަމާޒުކޮށް ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ވިލިމާލެ-2 ތަރައްޤީކުރުމުގެ ބޯހިޔާވަހިކަމުގެ އިތުރު ބިޔަ މަޝްރޫޢެއް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިޢުލާންކުރައްވާފައެވެ.

ޖަނާހް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށާ، މިހާރު ރާއްޖެ ތަރައްޤީކުރުމަށް ގެންގުޅޭ ސިޔާސަތުތަކާއި، ޕްލޭންތަކާ އެއްގޮތަށް ރާއްޖެ ކުރިއަރައިގެންމިދަނީ އެ މަސައްކަތް ކުރާނެ ޤާބިލު މީހުން ރާއްޖޭގައި އުފެދެމުންދާތީކަމަށެވެ. އަދި ކޮންމެ މަސައްކަތެއްވެސް ކުރަމުންދަނީ ރާއްޖޭގައި ޤާބިލިއްޔަތުކަން ހުރި މިންވަރުން، ރާއްޖެއަށް ބޭނުންވެފައިވާ މިންވަރަށްކަމަށް އޭނާ ފާހަގަކެއްވިއެވެ.

އެގޮތުން އޭނާވަނީ ރާއްޖޭގައި ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި، އިންފްލޭޝަން ދަށަށްދިއުމާއި، ދައުލަގެ ރިޒާވް މައްޗައްދިއުމަކީ ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީ ހާމަވާކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ދަޢުލަތުގެ ރިޒާވް މިހާރުވެސް 800 މިލިއަން ޑޮލަރާ ގާތްކުރާ ޢަދަދަކަށް ހުރިއިރު، ޖީ.އެމް.އާރް މައްސަލަގައި ތިންސަތޭކަމިލިއަނެއްހާ ރުފިޔާ ހޭދަކުރަން ނުޖެހުނުނަަމަ މިއަދަދު މިހާރު ހުންނާނީ އެއް ބިލިއަން ޑޮލަރުންމަތީގައިކަން އޭނާ ފާހަކަކުރެއްވިއެވެ. ޖަނާޙް ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކާ ދެކޮޅަށް ބަޔަކު ސުވާލު އުފައްދަމުންދާއިރު، އެ މަޝްރޫޢުތަކުގައި ހުރި މައްސަލަތަކަކީ ކޮބައިކަން ފާހަގަކޮށް ކަމާއިގުޅުންހުރި ފަރާތްތަކާއި ހަމައަށް އެކަން ގެންނަންޖެހޭކަމަށެވެ. ޖަނާހް ވިދާޅުވީ ހަމައެކަނި މައްސަލަތައް ހުރިކަމަށްބުނެ ވާހަކަދެއްކުމަކީ ޙައްލެއް ނޫންކަމަށެވެ.

އޭނާ ވަނީ ސަރުކާރުން ޗައިނާއާއިއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ މައްޗައްވެސް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ދުރުވިސްނޭ ސިޔާސަތެއްގެދަށުން އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށެވެ. މީގެ ސަބަބުން ދެޤައުމުގައި ވިޔަފާރިތައް ފަށަން ބޭނުންވާ ފަަރާތްތަކަށް ވިޔަފާރިފެށުމަށް ފަސޭހަ މަގުތަކެއް ތަނަވަސްވެފައިވާއިރު، އެކަންކަންމުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ވިޔަފާރިތައް ފުޅާކުރުމަށް މަސައްކަތް ކުރުމަށް އޭނާވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެ މަސައްކަތެއް ކުރިނަމަވެސް ކުރަންވާނީ ޤައުމަށް އޭގެ ސަބަބުން ގެއްލުމެއް ނުވާގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.