ޚަބަރު

ބެކްޓީރިއާ އެކުލެވޭ ގަނޑުކުރި ތަރުކާރީ އެތެރެވުން ހުއްޓުވުމަށް ފިޔަވަޅު އަޅައިފި


ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމް.އެފް.ޑީ.އޭ އިން ބުނީ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް" ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ އަދިވެސް ރާއްޖެއަށް އެތެރެވަމުންދާ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކުރާ ގަނޑުކުރި ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހެލްތް ކްލިއަރެންސާނުލައި އެބާވަތުގެ ތަކެތި އިންޕޯޓް ކުރުމުގެ ހުއްދަ ނުދޭނެކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

ޔޫރަޕުން އިމްޕޯޓްކުރާ ގަނޑުކުރި ތަރުކާރީ އާއި މޭވާއަށް ހެލްތު ކްލިއަރެންސް ދޭން ހަމަޖެހިފައި ވަނީ އިމްޕޯޓް ކުރާ ގައުމެއްގެ ކޮމްޕިޓެންޓް އޮތޯރިޓީއެއްގެ ފައިޓޯސެނިޓަރީ ސެޓްފިކެޓް ހުށަހެޅުމުން ކަމަށާއި، މިސެޓްފިކެޓް ހުށަނާޅާ ސިޕްމަންޓްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ އިމްޕޯޓް ކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި އެކްރެޑިޓް ކޮށްފައިވާ ލެބޯރަޓަރީއަކުން ތަހްލީލްކޮށް އެތަހްލީލްގެ ނަތީޖާ ހުށަހެޅުމުން ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ.

"ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އަކީ ސިކުނޑި އަދި މައިބަދަ ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި އިންފެކްޝަން އުފައްދާ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ އަކީ މާބަނޑު އަންހެނުންނަށާއި، އަލަށް ވިހާ ކުދިންނާއި، އުމުރުން ދަވަސްވީ މީހުންގެ އިތުރުން ދިފާއީ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ނުރައްކާތެރި ޖަރާސީމެކެވެ.