ޚަބަރު

އެމެރިކާއާއެކު މަޝްވަރާނުކުރައްވާނެކަމަށް އީރާނުގެ ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެ ޤައުމުން އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ނުގެންދާނެކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އަނެއްކާވެސް ވިދާޅުވެއްޖެއެވެ. ރޫހާނީ މި ޝުޢޫރު ތަކުރާރުކުރައްވާފައިމިވަނީ، އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި މަޝްވަރާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ޓީވީ މެދުވެރިކޮށް ދެއްވި ތަޤްރީރެއްގައި ވާހަކަދައްކަވަމުން ރޫހާނީ ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015 ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމުން އެމެރިކާ ވަކިވެފައި އޮތް ހިނދަކު މިކަމުގައި އެމެރިކާއެކު އީރާނުން އެއްވެސް މަޝްވަރާތަކެއްގައި ބައިވެރި ނުވާނެކަމަށެވެ. ރޫހާނީ ވިދާޅުވީ، އީރާނުން އަބަދުވެސް ބޭނުންވަނީ ސިޔާސީ ގޮތުންނާއި މަޝްވަރާތަކުގެ އުޞޫލުގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.

އެހެންނަމަވެސް މި މަޝްވަރާތަކަކީ އިޚުލާސްތެރި ވާހަކަތަކަކަށް ވާން ޖެހޭނެ ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ މަޝްވަރާތަކަށް ގޮވާލައްވާފައިވަނީ އީރާނުގައި ހައިޖާނު އުފެއްދުމުގެ ނިޔަތުގައި ކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އީރާނުން ތައްޔާރުވަމުންދާއިރު، އެމެރިކާއިން ފަހުން މިކަމާ މެދު ހިތާމަކުރާނެކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.