ޚަބަރު

ބަންގްލަދޭޝްގައި ހަރުކަށި ޓްރެފިކް ޤަވާއިދުތަކެއް ތަޢާރަފުކޮށްފި


ބަންގްލަދޭޝްގައި ޓްރެފިކް ޤަވައިދާ ޚިލާފަށް ބާރު ދުވެލީގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުން ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން މީހުންގެ ފުރާނައަށް ގެއްލުންދޭ މީހުންނަށް ތިން އަހަރުގެ ޖަލު ހުކުމެއްގެ ބަދަލުގައި ފަސް އަހަރުގެ ޖަލުގެ ހުކުމެއް ދިނުމަށް ބަންގަލަދޭޝްގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުން މި ގޮތަށް ނިންމާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި، އެ ޤައުމުގެ ޓްރެފިކް ޤަވައިދުތަކަށް އިސްލާހުތައް ގެނައުމަށް ގޮވާލާ ބަންގްލަދޭޝްގެ އެތައް ހާސް ޒުވާނުން މުޒާހަރާ ކުރާތާ ނުވަވަނައަށްވީ ދުވަހުގައެވެ. މި ކުދިން އެ ޤައުމުގައި މުޒާހަރާކުރަން ފެށީ، ޖުލައި މަހުގެ ނަވާވީސް ވަނަ ދުވަހު، ބާރު ދުވެލީގައި ދުއްވާފައިދިޔަ ބަހެއްގައި ޖެހި ފުރާވަރުގެ ދެ ކުދިން މަރުވި ޙާދިސާއަށް ފަހުގައެވެ.

މި ކުދިން މަރުވެފައިވަނީ ބަހުގެ ޑްރައިވަރު ގަސްތުގައި ކުދިންތަކެއްގެ ތެރެއިން ލާފައި ދިއުމަށް މަސައްކަތްކުރުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑާކާގައި ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޤައުމުގެ ޤާނޫނާ ބެހޭ ވަޒީރު އަނިސުލް ހުޤް ވިދާޅުވީ، ޤަވައިދާ ޚިލާފަށް އެއްގަމު އުޅަނދެއް ދުއްވައިގެން މީހަކު މަރުވެއްޖެ ޙާލަތެއްގައި، އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވޭނެކަމަށެވެ.

އަދި ގަސްދުގައި މީހެއްގެ ގައިގައި އުޅަނދު ޖެއްސުން ނުވަތަ ބައެއްގެ ތެރެއިން އުޅަނދެއް ދުއްވުމަކީ ގަސްދުގައި މީހަކު މެރުން ފަދަ ކުށެއް ކަމަށާއި އެ ކުށަަށް މަރުގެ އަދަބު ހައްޤުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.