ޚަބަރު

މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރުމުގެ ހުއްދަ ދީފި - ޑރ. ޝަހީމް


މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އެޅުމަށް އެ ޤައުމުގެ ކަމަބެހޭ ފަރާތްތަކުން ހުއްދަ ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާޢީދު އިތުރުކުރުމުގެ ގޮތުން އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާއަށް ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވިއިރު އެމީހުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މެލޭޝިޔާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރުމަށްކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށާއި، ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރައްވައި، ކަލްޗަރަލް ސެންޓަރެއް މެލޭޝިއާގައި ހުޅުވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ މެލޭޝިޔާގައި ކަލްޗްރަލް ސެންޓަރެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް އެކަން ތަންފީޒް ކުރުމަށް އަންގަވާފައިކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ކުރިން މެލޭޝިޔާގައި ކިޔަވަންތިބޭ ދަރިވަރުންނަށް ބައްދަލުކުރުމަށް ބެލެނިވެރިންނަށް 30 ދުވަހުގެ ވިސާއެއް ލިބުނުނަމަވެސް ރައީސް ޔާމީން މެލޭޝިޔާއަށް ޒިޔާރާތްކޮށް ކުރެއްވި މަސައްކަތުގެ ތެރެއިން މިވިސާ 90 ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. އަދި އެ ޤައުމުގެ އޭޓީއެމްތަކުން ދިވެހިންނަށް ފައިސާ ނެގޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރެއްވި މަސައްކަތްތައް މެލޭޝިޔާގައި އުޅޭ ދިވެހިން ފާހަގަކުރެއްވިކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ. އަދި ދަތިވާކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.