ޚަބަރު

ރިންގް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށަނީ


ސިނަމާލެ ބްރިޖާ އެކީ ތަރައްޤީކުރާ، މާލޭ ރިންގް ރޯޑްގައި ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށާއިރު، ތާރު އެޅުމުގެ ކުރިން ޖަހާ ކެމިކަލަކީ ވަސްގަދަ އެއްޗެއްކަމުން މިކަމަށް އާއްމުން ސާމާލުވުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީ ޓާރމިނަލް ސަރަހައްދުންނެވެ. ހައުސިންގ މިިނިސްޓްރީން ބުނީ އެ ސަރަޙައްދަކީ މީހުން ގިނައިން ދާ އަދި ކާބޯތަކެތި ވިއްކާ ތަންތަނާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ގިނަ ސަރަޙައްދަކަށްވުމުން މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މާފަށް އެދޭކަމަށެވެ. ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ހައުސިންގ މިނިސްޓްރީން ފާހަގަކުރެއެވެ.

ރިންގް ރޯޑްގެ މަސައްކަތް ކުރަނީ ބްރިޖްގެ މަސައްކަތްވެސްކުރާ ކުންފުނި ކަމަށްވާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާރބަރ އިންޖިނިއަރިން އިންނެވެ.

ބުރިޖާއެކީ ތަރައްޤީ ކުރާ ރިންގް ރޯޑު މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާހަމައަށް ތާރުއަޅައިގެން ބޭރު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަގު ތަރައްޤީ ކުރަނީ ހަތަރު ލޭނަށް ދެކޮޅަށް ދުއްވޭ ގޮތަށެވެ. މީގެ އިތުރުން މަގުގެ ދުވާރު ފުޅާކޮށް 450 ހަށްވުރެ ގިނަ ގަސް މަގުގެ ދެފަރާތުގައި އިންދުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަގުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މާލެ ވަށައިގެން ފަސޭހަކަމާއެކު ވެހިކަލްތައް ދުއްވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.