ޚަބަރު

އެމްޑީއޭގެ ލީޑަރު ސިޔާމަކީ ރައީސް ޔާމީންގެ ވަފާތެރިއެއް- ނިހާން


އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރި އެކުވެރިއެއްކަމަށް، ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން މިހެން ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއާއި އެމްޑީއޭ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ދެ ޕާޓީ އެކުވެގެން ހަދާފައިވާ ކޯލިޝަނުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި ކޯލިޝަނުގެ ބައްދަލުވުންތައްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން އަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުން ވަނީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ކާމިޔާބުކޮށްފައެވެ.

އޭގެފަހުން މިއަދާ ހަމައަށްވެސް ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހި، ކޯލިޝަނަށް ހީނަރުކަމެއް އައިސްފައެއްނުވެއެވެ.